Roadha Mihaaru
ރަޝިޔާގެ ހަކަތައަށް ޔޫރަޕް ބަރޯސާވުން ހުއްޓެނީ

ރަޝިޔާގެ ހަކަތައަށް ޔޫރަޕް ބަރޯސާވުން ހުއްޓެނީ

16 މެއި 2022

ވިލާތުގެ ގައުމުތަކަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ހޯދުމުގައި ރަޝިޔާ އަށް ބަރޯސާވުން ވަރަށް އަވަހަށް ހުއްޓުމަކަށް އަންނާނެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ވިދާޅުވެއްޖެ އެވެ.

ވިލާތުގެ ގައުމުތަކަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ހޯދުމުގައި ރަޝިޔާ އަށް ބަރޯސާވުން ވަރަށް އަވަހަށް ހުއްޓުމަކަށް އަންނާނެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ވިދާޅުވެއްޖެ އެވެ.

ގައުމާ މުޚާތަބު ކުރައްވައި ކޮންމެ ރެއަކު ސޯޝަލް މީޑިއާގައި އާންމުކުރައްވަމުން ގެންދަވާ ސިލްސިލާ ވީޑިއޯ މެސެޖްތަކުގެ ތެރެއިން، ރޭ އާންމު ކުރެއްވި މެސެޖްގައި ޒެލެންސްކީ ވިދާޅުވީ ބައިނަލްއަގުވާމީ މުޖްތަމައާ ރަޝިޔާއާ ދެމެދުގައި އޮތް ގުޅުން ވަކި އިމެއްގެ ތެރޭގައި ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ އަގު ރަޝިޔާ އިން އަދާކުރަންޖެހޭނެކަން ދާއިމީ ގޮތެއްގައި ރަޝިޔާ އަށް އިހްސާސް ކުރުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އިސްކަން ދެނީ ރަޝިޔާގެ ތެޔޮ އެތެރެ ކުރުން ހުއްޓައިލުމަށް. އެކަމަށް ހުރަސްއެޅުމަށް ރަޝިޔާ އިން ކިތަންމެ މަސައްކަތެއް ކުރިޔަސް، ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ބަރޯސާވުން ވިލާތުގެ ގައުމުތަކުން ހުއްޓައިލުމުގެ ވަގުތު މިހާރު އެ އަންނަނީ ކުޑަތަންވަމުން،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

އެމެރިކާގެ ނޫސް އޭޖެންސީއެއް ކަމަށްވާ ބްލޫމްބާގް އިން ބުނި ގޮތުގައި ރަޝިޔާގެ ތެޔޮ އެތެރެ ކުރުން ހުއްޓައިލުމާ މެދު ވިލާތުގެ ގައުމުތަކަށް އެއްބަސްނުވެވުނު ނަމަވެސް، ރަޝިޔާގެ ތެޔޮ އެތެރެކުރުން މި އަހަރުގެ ނިޔަލަށް ހުއްޓައިލުމަށް ޖަރުމަން ވިލާތުން މިހާރު ވަނީ ނިންމައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ސިލްސިލާ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ރަޝިޔާ އަށް ދަތިކުރުމަށް ދެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓައިލުމަށް ވިލާތުގެ އިއްތިހާދުން ވަނީ މެމްބަރު ގައުމުތަކަށް ހުށަހަޅައިފަ އެވެ.

ނަމަވެސް، ރަޝިޔާގެ ތެލުގެ ބަދަލުގައި ތެޔޮ ލިބޭނެ އެހެން ގޮތްތަކެއް މުޅިން ކަށަވަރު ނުވާތީ، އެ ފިޔަވަޅު ތަންފީޒުކުރުމަށް ވިލާތުގެ ބައެއް ގައުމުތަކުން މިހާތަނަށް އެއްބަހެއް ނުވެ އެވެ.

ބްލޫމްބާގް އިން ބުނި ގޮތުގައި ރަޝިޔާގެ ތެލުގެ ބަދަލުގައި ތެޔޮ ހޯދާނެ ގޮތުގެ ރޭވުންތަކެއް މިހާރު ވަނީ ޖަރުމަން ވިލާތުގެ މުސްތަޝާރުގެ އޮފީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފަ އެވެ. އަދި ހުށަހެޅުން އިތުރަށް ދިރާސާ ކުރުމަށް ފަހު، ރަޝިޔާގެ ތެލުގެ ބަދަލުގައި އެހެން ގައުމުތަކުން ތެޔޮ ހޯދުމުގައި ކުރިމަތިވާ ދަތިތައް، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ފިލުވައިލެވޭނެ ކަމަށް، ޖަރުމަން ސަރުކާރުން އުންމީދު ކުރެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން ވަނީ އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ރަޝިޔާ ސަރުކާރުގެ ބޭންކުތަކާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހުއްޓައިލުމާއި، އެއް ގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވުމުގައި ބޭނުންކުރާ ސްވޮފްޓް ނިޒާމުން އެމެރިކާގެ ބޭންކުތައް ބޭރުކޮށްލުން ހިމެނެ އެވެ.