Roadha Mihaaru
ސަރުކާރުގެ ކުންފުނިތައް ކޮންސްޓްރަކްޝަނަށް ވަނުން ގޯސް!

އެސްއޯއީތައް ކޮންސްޓްރަކްޝަން ދާއިރާ އަށް ނުވަދެވޭ ގޮތަށް ގާނޫނެއް އޮތުން ރަނގަޅު: އަސްލަމް

17 މެއި 2022

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކޮންސްޓްރަކްޝަން ދާއިރާ އަށް ވަނުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކޮންސްޓްރަކްޝަން ދާއިރާ އަށް ވަނުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެހެން ހިދުމަތްތައް ދިނުމަށް އުފެދިފައި ހުރި އެސްއޯއީތަކުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ސްޓެލްކޯ، ފެނަކަ، ޕޮލްކޯ އަދި ސިފްކޯ ފަދަ ކުންފުނިތައް ކޮންސްޓްރަކްޝަން ތެރެއަށް ވަނުމަށް މިނިސްޓްރީން ބާރު އަޅާފައި ނުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ދާދި ފަހުން ސިފައިންގެ ފްލެޓްތައް އެޅުމަށް މިނިސްޓްރީ އިން ސިފްކޯ އާ ހަވާލުކޮށްފައިވާ ކަމަށާއި އެއީ ސިފްކޯ ނޫން ބަޔަކު ލައްވައި އެ މަސައްކަތް ކުރަން ސަލާމަތީ ހިދުމަތްތަކުން ދެކޮޅު ހެދުމުން ކަމަށެވެ.

"ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެ މީހުން އެ ކުރަނީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެ މީހުން ވަދެގެން ނުވާނެ އޭގެ ތެރެއަށް. އަދި ނުވަދެވޭ ގޮތަށް ގާނޫނެއް އޮތުމަކީ ވެސް ރަނގަޅު ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ވަކި ހާއްސަ ކަމަކަށް އުފައްދާފައިވާ ކުންފުނިތައް ވިޔަފާރި ފުޅާކޮށް އެހެން ހުރިހާ ދާއިރާއަކަށް ވަންނަން ފަށައިފި ނަމަ އެ ކުންފުނިތަކުގެ ފޯކަސް ގެއްލޭނެ ކަމަށާއި އޭގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން މިހާރު ވެސް ބައެއް ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތައް ހިންގާފައިވާ ކަމަށާއި ބައެއް ފަހަރު މަސައްކަތް ނެގުމަށް ފަހު ސަބް ކޮންޓްރެކްޓް ވެސް ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ ފްލެޓު އިމާރާތް ކުރުމަށް ބިން ދީފަ އެވެ. މިހާތަނަށް އައިއިރު ސްޓެލްކޯ އާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ވެސް ވަނީ ފްލެޓުތައް އިމާރާތް ކޮށްފަ އެވެ.