Roadha Mihaaru

އެޗްޑީސީގައި 10 ދާއިރާއަކުން ތަމްރީނު ހޯދުމުގެ ފުރުސަތު 100 މީހަކަށް، މަހަކު 6،000ރ. ލިބޭނެ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 10 ދާއިރާއަކުން 100 މީހަކު ތަމްރީނުކުރުމަށް ނިންމައި، އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން 100 މީހަކު ތަމްރީނުކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 މެއި 2022

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 10 ދާއިރާއަކުން 100 މީހަކު ތަމްރީނުކުރުމަށް ނިންމައި، އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ފަސްވަނަ ފަހަރަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 100 މީހުންގެ އިތުރުން އެޗްޑީސީގައި މަސައްކަތްކުރާ 30 މުވައްޒަފަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލި އެވެ.

އެޗްޑީސީން ބުނީ، އެ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާ އެއްގޮތަށް ކަމަށެވެ. ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެޗްޑީސީން ބުނިގޮތުގައި، މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައި ވަނީ ބަރު އުޅަނދުފަހަރާއި ވެލްޑިން ކުރުމާއި މެޝިނަރީ އާއި ބަގީޗާ ހެއްދުމާއި ކަރަންޓާއި ޕްލަމްބިން އާއި ވަޑާންކުރުމާއި އައިސް އަލަމާރި އާއި އޭސީ މަރާމާތު ކުރުމާއި ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒް ކުރުން އަދި ބިލްޑިންގް މެއިންޓަނެންސްގެ ދާއިރާއިންނެވެ.

އެއީ ފަންނީ އަދި ގާބިލު މީހުން ބިނާކުރުމަށާއި ކުރިއަށް ދާނެ ވަކި ދާއިރާއެއް ނޭނގި ތިބި މީހުންނަށް ފުރުސަތުތަކެއް ހުޅުވާލައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި، ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ޖުމުލަ ހަ މަސް ދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 6،000ރ. ގެ އެލަވަންސެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ މި އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އަންހެނުންގެ އަދަދު އިތުރު ކުރުމުގެ ބޭނުމުގައި 20 ޕަސެންޓް ހާއްސަކުރީ އަންހެނުންނަށް ކަމަށެވެ.

މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން ހަ ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިން ދޭނެ ކަމަށް ވެސް ބުންޏެވެ. އަދި ޕްރޮގްރާމް ނިމޭއިރު، އެންމެ ރަނގަޅު މީހުންނަށް އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި ވަރަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.

އެޗްޑީސީން ބުނީ 3،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރު ހިފާފައިވާ އަމާޒަށް ވާސިލުވާން އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގިނަ ދާއިރަތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދޭން އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.