Roadha Mihaaru

ފާޑުކިޔުންތަކާ އެކު، މޮނިއުމަންޓުގެ ބަދަލުގައި ހުޅުމާލެ ރައުންޑްއެބައުޓްތަކުގައި ގަސް އިންދަނީ

ހުޅުމާލޭގައި ހަދާފައިވާ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމުގެ ބަދަލުގައި އެ ތަންތަނުގައި ގަސް އިންދަން ފަށައިފި އެވެ.

ފާޑުކިޔުންތަކާ އެކު، ނިންމުން ބަދަލުކޮށް ގަސް އިންދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

16 ފެބުރުއަރީ 2025

ހުޅުމާލޭގައި ހަދާފައިވާ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމުގެ ބަދަލުގައި އެ ތަންތަނުގައި ގަސް އިންދަން ފަށައިފި އެވެ.

ހުޅުމާލޭގެ ޓްރެފިކް ފްލޯ އަށް ފަސޭހަ ކުރުމަށް މަގުތަކުގައި ހަދަމުންދާ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ މެނޭޖުމަންޓުގެ ސިޔާސަތުގެ ދަށުން މުބާރާތަކަށް ހުޅުވައިލި އެވެ. އެކަމަކު، އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މެނޭޖުމަންޓުން މުބާރާތުން އެއްވަނަ އަށް ހޮވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިންތަކެއް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރުމުން އެކަން އެޗްޑީސީން ބަލަން ފެށި އެވެ.

ނަމަވެސް ފަޒުލްގެ އިސްތިއުފާއާ އެކު، އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލް އައްޔަން ކުރެއްވި ފަހުން ވަނީ މޮނިއުމެންޓްގެ ބަދަލުގައި ރައުންޑްއެބައުޓެއްގައި ގަހެއް އިންދައިފަ އެވެ.

އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމް (ޕޮކްމޭން) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމަށް ނިންމި ނިންމުން އާންމުންގެ ފާޑުކިޔުމާ ހުރެ ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއް ރައުންޑްއެބައުޓުގައި މިހާރު ގަސް އިންދާފައިވާއިރު އެ ގަސް ރަނގަޅަށް ހެދި ފޯވެ، މާތައް އެޅުމުން އިތުރު ރީތި ކަމެއް ލިބޭނެ ކަމަށެވެ.

ގަސް އިންދަން ނިންމި ނިންމުމާ އެކު، އެ މުބާރާތަށް ދެން ވާނެ ގޮތަކާ މެދު "މިހާރު" އިން ސުވާލުކުރުމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު މިއަދު ވިދާޅުވީ، އޭއައި ޑިޒައިނަކަށް ވަނަ ލިބުމުން އާންމުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް އޮތް ކަމަށެވެ. އެހެންވެ، އޭރު މައްސަލަ ބަލަމުންދިޔަ ނަމަވެސް އެކަން މިހާރު އޮތީ މަޑުޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުބާރާތުން ވަނަ ލިބުނު ފަރާތަށް އިނާމު ވެސް ހަވާލެއް ނުކުރެ އެވެ.

"ކުރިން ވެސް އޮތީ އިނާމު ދޭނީ ޕްރޮޖެކްޓްގެ ޑީޓެއިލް ޑްރޯވިންއަކާ ހަމައިންނޭ. އެކަމަކު އެ ހިސާބަކަށް ނުދޭ،" ސިރާޖު ވިދާޅުވި އެވެ.

ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހެދުމަށް ހުޅުވާލީ "ދިވެހިންގެ ރާއްޖެ" ތީމަށެެވެ.

އެ މުބާރާތް ކާމިޔާބުކުރާ ބަޔަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ހަތް ފަރާތަކުން ޑިޒައިން ހުށަހެޅި އެވެ.

އެ ހުށަހެޅުންތަކުގެ ތެރެއިން ވަނަ ހޮވާފައި ވަނީ އެ ކަމަށް ކަނޑައެޅި ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް ފަހު، ކަމަށް އެޗްޑީސީން ބުންޏަސް އެއް ވަނަ ލިބުނީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކަކަށް ކަމަށް ބުނެ، އެ ކުންފުންޏަށް ވެސް މީހުން ޝަކުވާ ހުށަހެޅި އެވެ.

އެހެންވެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ލިބުނު ފަރާތް އިއުލާންކުރުމަށް ފަހު ވެސް އޮތީ މަޑުޖައްސާލައިފަ އެވެ.

އެ މައްސަލާގައި އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މުބާރާތް ބޭއްވީ ހުޅުމާލޭގެ ތަރައްގީ އަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމަށެވެ. އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް އެ ކޯޕަރޭޝަނުން އަމަލު ނުކުރާނެ ކަމަށާއި އަދި ރައްޔިތުންނާ ގުޅޭ އެފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ބުންޏެވެ.