Roadha Mihaaru

އޭސީސީއަށް މައްސަލަ ހުށަހެޅުމާއި ބަލައިގަތުމަށް ބަދަލެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ނުޖެހޭ ކަންކަމުގައި ހުށަހަޅާ މައްސަލަތައް މަދުކޮށް، ތަހުގީގު ފެށުމުގެ މަރުހަލާ އަވަސްކުރަން ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުމާއި ބަލައިގަތުމަށް ބަދަލެއް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

19 މެއި 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ނުޖެހޭ ކަންކަމުގައި ހުށަހަޅާ މައްސަލަތައް މަދުކޮށް، ތަހުގީގު ފެށުމުގެ މަރުހަލާ އަވަސްކުރަން ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

އޭސީސީގެ ގަވާއިދަށް ގެނައި އެއް ބަދަކީ ގާނޫނީ ގޮތުން އެ ކޮމިޝަނުގެ ޒިންމާއެއް ނެތް މައްސަލަތައް ހުށަނޭޅޭ ގޮތަށް ހެދުމެވެ. މީގެ ކުރިން އޮންނަނީ ޖިނާއީ މައްސަލަތަކާ އެކު ޕްރޮކިއުމަންޓާ ގުޅޭ އިދާރީ މައްސަލަތައް ނުވަތަ ބިޑު ކާމިޔާބު ނުވުމުން ދެން އޮންނަ މަރުހަލާތައް ފުރިހަމަނުކޮށް އިދާރީ ޝަކުވާތައް ވެސް އޭސީސީއަށް ހުށަހެޅޭ ގޮތަށެވެ.

މިގޮތަށް އޮތުމުން، ރަޖިސްޓްރޭޝަން މަރުހަލާ ވެސް ދިގުލައިގެންދެ އެވެ.

އޭސީސީގެ އާ ކޮމިޝަނުން މިހާރު ނިންމާފައި އޮތީ މައްސަލަތައް ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމުގެ މަރުހަލާއަށް ގެންނަން ބަދަލުތަކާ އެކު ތަހުގީގު އަވަސްކުރެވޭނެ މަގެއް ހޯދުމެވެ. މައްސަލަތަކުގައި އިސްކަންދޭން ތަރުތީބެއް ވެސް ކަނޑައަޅައި އާއްމުކުރަން ވަނީ ނިންމައިފަ އެވެ.

ތަހުގީގަށް ހުށަހެޅޭނެ މައްސަލަތައް

- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް.

- ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ކުށްތައް.

- އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދިި 12 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ކުށް.

- މި ކުށްތަކުގެ އިތުރުން ކޮރަޕްޝަންގެ ކުށް ކަމުގައި ގާނޫނަކުން ކަނޑައަޅާފައިވާ ކޮންމެ ކުށެއް.

- މަތީގައި އެވާ ކުށްތަކުގެ އިތުރުން ކޮރަޕްޝަނުގެ ކުށް ކަމުގައި ގާނޫނަކުން ކަނޑައަޅާ ކޮންމެ ކުށެއް.

ކުރިން އޮންނަ ގޮތުން ނަމަ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަނެ ތަހުގީގު ކުރަން ޖެހޭތޯ ކަނޑައަޅަނީ އޭސީސީގެ ފަސް މެމްބަރުންނެވެ. އެކަމަކު ގަވާއިދުގެ ތެރެއިން އެ ބާރު ރަޖިސްޓްރާއަށް ދޭ ގޮތަށް މިހާރު އޮތީ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ.

އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ 90 ޕަސެންޓަކީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. މިފަދަ މައްސަލަތައް ވަރަށް ގިނަ ފަހަރު އޭސީސީއަށް ހުށަހެޅިއަސް ވަގުތާއި ވަސީލަތްތައް ހޭދަކޮށްގެން ބަލާއިރު އެއްވެސް ކަމަކަށް ނުވާ ފަހަރުތައް ގިނަ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމިޝަނުން އަމާޒު ހިފާފައި އޮތީ، ތަހުގީގު ލަސްވެފައިވާ ބޮޑެތި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމާލުމަށެވެ. އާ މެމްބަރުން ހަވާލުވެވަޑައިގަތް އިރު، ހުށަހަޅާފައިވާ 1،600 މައްސަލައިގެ ތެރެއިން ތަހުގީގު އަވަސްކުރަން ޖެހޭ ބޮޑެތި މައްސަލަތަކަށް އިސްކަންދީގެން ނިންމާނެ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެފައިވެ އެވެ.