Roadha Mihaaru
11 ގައުމަކުން މަންކީޕޮކްސް ފެނިއްޖެ

11 ގައުމަކުން މަންކީޕޮކްސް ފެނިއްޖެ

21 މެއި 2022

ޖެނީވާ (މެއި 21) - އެގާރަ ގައުމަކުން މަންކީޕޮކްސްގެ 80 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (މެއި 21) - އެގާރަ ގައުމަކުން މަންކީޕޮކްސްގެ 80 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

މަންކީޕޮކްސް އަށް ތުހުމަތު ކުރެވޭ އިތުރު 50 ކޭސް ބަލަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނި ނަމަވެސް އެ ބަލި ފެތުރޭ އެއްވެސް ގައުމެއްގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ވައިރަހަކުން ޖެހޭ ބަލި ކުރިން ފެނިފައި ވަނީ އިޓަލީ، ސްވިޑަން، ސްޕޭން، ޕޯޗުގަލް، އެމެރިކާ، ކެނެޑާ އަދި އިނގިރޭސި ވިލާތުންނެވެ.

މަންކީޕޮކްސް އަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގައި އާއްމު ބައްޔެކެވެ.

ވައިރަހަކުން ޖެހޭ މި ބަލީގައި މާބޮޑުވަރެއް ނުވެ އެވެ. މި ބަލި ޖެހޭ މީހުން ވެސް މަދު ހަފުތާތަކެއްގެ ތެރޭގައި ރަނގަޅުވާ ކަމަށް އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އިން ބުނެ އެވެ. އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މި ވައިރަސް ފަސޭހަކަމާ އެކު ނުފެތުރެ އެވެ. އެހެންވެ އާއްމުންގެ ތެރޭގައި ބޮޑު ބައްޔެއްގެ ގޮތުގައި ވައިރަސް ފެތުރުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

މަންކީޕޮކްސް އަށް ޚާއްސަ ވެކްސިނެއް އަދި އުފައްދައިފައެއް ނުވެ އެވެ. އެކަމަކު ކަށިވިދުރީގެ ވެކްސިން ދިނުމުން މަންކީޕޮކްސް ބަލީގެ 85 ޕަސެންޓް މީހުންނަށް ރައްކާތެރިކަން ލިބެ އެވެ. މި ދެ ބަލީގެ ވައިރަސް ވެސް ދާދި އެއްގޮތެކެވެ.

ޑަބްލިއުއެޗްއޯގެ ޔޫރަޕުގެ ރީޖަނަލް ޑިރެކްޓަރު ހެންސް ކްލަގު ވިދާޅުވީ ކުރިއަށް އޮތީ ހޫނު މޫސުން ކަމަށްވާތީ ފެސްޓިވަލްތަކާއި ޕާޓީތައް ބާއްވާ އިރު ސަމާލުވާން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މި ބަލި ފެތުރުމުގެ ޗާންސް ބޮޑު ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ މި މަހު 7 ވަނަ ދުވަހު އެވެ. އެއީ ދާދި ފަހުން ނައިޖީރިއާ އަށް ދަތުރުކުރި މީހެކެވެ. ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ބުނީ އެ މީހާ އަށް ވައިރަސް އަރާފައި ވަނީ ނައިޖީރިއާ އިން ކަމަށް ބެލެވޭ ކަމަށެވެ. މަންކީޕޮކްސްގެ 20 ކޭސް އިނގިރޭސި ވިލާތުން މިހާރު ވަނީ ފެނިފަ އެވެ.