Roadha Mihaaru
ދުނިޔޭގައި ކޮވިޑް ކޭސްތައް ދަށަށް

ދުނިޔޭގައި ކޮވިޑް ކޭސްތައް ދަށަށް

07 ފެބުރުއަރީ 2021

ޖެނީވާ (ފެބްރުއަރީ 7) - ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެހިޖެހިގެން ތިން ވަނަ ހަފުތާގައި ދަށަށް ހިނގައްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (ފެބްރުއަރީ 7) - ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެހިޖެހިގެން ތިން ވަނަ ހަފުތާގައި ދަށަށް ހިނގައްޖެ އެވެ.

އޭއެފްޕީ ޑޭޓާބޭސް އިން ދައްކާ ގޮތުގައި އަލަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް މިހާރު އުޅެނީ އޮކްޓޯބަރު މަހުގެ ފަހުން އެންމެ ދަށުގަ އެވެ. ސައުތު އެފްރިކާގައި ވެސް އަލަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ.

ދުވާލަކު ބައި މިލިއަނަށް ވުރެ ދަށުގައި

ކޮރޯނާވައިރަހަށް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ އޮކްޓޯބަރު މަހަށް ފަހު ފުރަތަމަ ފަހަރަށް ބައިމިލިއަނަށް ވުރެ ދަށްވެފަ އެވެ. މުޅި ދުނިޔެ އިން އަލަށް އިއްޔެ ޕޮޒިޓިވްވެފައި ވަނީ 421,959 މީހުންނެވެ. އަލަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް މިދިޔަ ހަފުތާގައި ވަނީ 13 ޕަސެންޓް ދަށްވެފަ އެވެ. ޖެނުއަރީ މަހު މެދުތެރޭގައި ވަނީ ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދެއް ކަމަށްވާ 725،000 އަށް އަރައިފަ އެވެ.

ދުނިޔޭ އެކި ހިސާބުތަކުން ފެންނަ އާ ކޭސްތައް ވެސް މިހާރު ވަނީ ދަށަށްދާން ފަށައިފަ އެވެ. އެފްރިކާގައި އަލަށް ޕޮޒިޓިވްވާ ރޭޓް 27 ޕަސެންޓް، އެމެރިކާ އާއި ކެނެޑާގައި 17 ޕަސެންޓް އަދި ޔޫރަޕާއި ލެޓިން އެމެރިކާ އަދި ކެރީބިއަންގައި ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. އޭޝިއާ އިން ޕޮޒިޓިވްވާ ރޭޓް ވަނީ ދެ ޕަސެންޓް ދަށްވެފަ އެވެ. އެކަމަކު މެދުއިރުމަތިން ޕޮޒިޓިވް ރޭޓް ހަތަރު ޕަސެންޓް މައްޗަށް ޖެހިފައިވާ އިރު އޯޝޭނިއާ އިން ވެސް ވަނީ އިތުރުވެފަ އެވެ.

ބޮޑު ދަށްވުމެއް

އެންމެ ބޮޑަށް ކޭސްތައް ދަށްވެފައި ވަނީ ކޮވިޑުގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ސައުތު އެފްރިކާ އިންނެވެ. އެ ގައުމުން ވަނީ 49 ޕަސެންޓަށް ޕޮޒިޓިވް ކޭސް ވެއްޓިފަ އެވެ. ދުވާލަކު ޕޮޒިޓިވްވާ ރޭޓް ސައުތު އެފްރިކާގައި މިހާރު ކުރީ 4،000 ގަ އެވެ. އަލަށް ފެތުރޭ އާ ވޭރިއަންޓް ފެނުމާ ގުޅިގެން ސައުތު އެފްރިކާ އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް، ޑިސެމްބަރުން ފެށިގެން ކާފިއު ހިންގައިފަ އެވެ.

އިންޑިއާ އިން ވެސް ވަނީ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިންޑިއާ އިން މިހާރު ދުވާލަކު ޕޮޒިޓިވްވާ ރޭޓް 10،000 އިން ދަށްވެ އަދި މަރުވާ ރޭޓް ވެސް ވަނީ 100 އިން ދަށްވެފަ އެވެ. އިންޑިއާގައި ކޮވިޑް ޕީކަށް ދިޔަ އިރު، މިދިޔަ ސެޕްޓެމްބަރު މަހު، ވަނީ ދުވާލަކު 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ކޭސްތައް ދެން އެންމެ ބޮޑަށް ދަަށަށް ދިޔަ ގައުމުތަކަކީ ލިތުއޭނިއާ، މެކްސިކޯ، ޖަޕާން، ޕެނަމާ އަދި ޕޯޗުގަލް އެވެ.

އެންމެ ބޮޑަށް އިތުރުވީ

އެންމެ ހަލުވިކަމާ އެކު މިހާރު ބަލި ފެތުރޭ އެއް ގައުމަކީ މެލޭޝިއާ އެވެ. އެ ގައުމުން އަލަށް ބަލި ޖެހޭ ރޭޓް 30 ޕަސެންޓް އިތުރުވެފައިވާ އިރު ދުވާލަކު އެވްރެޖްކޮށް ދަނީ 4،800 މީހުން ޕޮޒިޓިވްވަމުންނެވެ. ޖޯޑަން ވެސް ވަނީ އަލަށް ޕޮޒިޓިވްވާ ރޭޓް 27 ޕަސެންޓް އިތުރުވެފަ އެވެ. ދެން ކޭސްތައް އެންމެ ބޮޑަށް އިތުރުވި ގައުމުތަކަކީ ޕެރޫ، އިރާގު އަދި ތުރުކީ އެވެ.

އަދިވެސް އެންމެ ހާލަތު ގޯހީ އެމެރިކާގައި

މިހާތަނަށް އަދިވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެ އަދި އެންމެ ގިނަ މީހުން ދުވާލެއްގެ މައްޗަށް މަރުވަމުންދާ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުން އިއްޔެ އެކަނިވެސް 105,983 މީހުން ޕޮޒިޓިވްވެފައިވާ އިރު 2,730 މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު މިއީ ކުރީ ހަފުތާ އަށް ވުރެ 17 ޕަސެންޓް މަދު އަދަދެކެވެ.

އެމެރިކާގައި މިހާތަނަށް 27,519,636 މީހުން ޕޮޒިޓިވްވެ 473,528 މީހުން ވަނީ މަރުވެފަ އެވެ.