Roadha Mihaaru
ދީމާގެ ކުޅުން ފެނިފައި ހީބިހި ނަގާ: ރަނޭ

ދީމާގެ ކުޅުން ފެނިފައި ހީބިހި ނަގާ، ވޮލީން ވެސް އެމިސާލު ނަގަންޖެހޭ: ރަނޭ

22 މެއި 2022

ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ކުޅުން ފެނިފައި ގައިން ހީބިހި ނަގާ ކަމަށާއި އެއީ ވޮލީން ވެސް ނަގަން ޖެހޭ މިސާލެއް ކަމަށް، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ކުޅުން ފެނިފައި ގައިން ހީބިހި ނަގާ ކަމަށާއި އެއީ ވޮލީން ވެސް ނަގަން ޖެހޭ މިސާލެއް ކަމަށް، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވޮލީ ކްލަބުތަކުން ވަރުގަދަ މެޗުތަކެއް ކުޅެން ޖެހޭކަން ފާހަގަކޮށް ރަނޭ ވިދާޅުވީ، ދީމާ ވެސް އެފެންވަރަށް ދިޔައީ އޭނާ އަށް ވުރެ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ރާއްޖެއިން ބޭރުގައި ކުޅެގެން ކަމަށެވެ.

ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް ރާއްޖޭގެ ކުޅުންތެރިންނަށް ވަރުގަދަ މެޗުތަކެއް ހޯދައިދިނުމުގެ ގޮތުން ވީއޭއެމުން ވަނީ، ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމަށް ހަވާލުވެފަ އެވެ. ރަނޭ ވިދާޅުވީ ދިވެހި ވޮލީ ކުޅުންތެރިން ވެސް ކުރި އަރާނީ ވަރުގަދަ ކުޅުންތެރިންނާ ވާދަކޮށްގެން ކަމަށެވެ.

"ދީމާ އެކުޅެލި މެޗު، އެއް ވެސް މީހަކަށް ނޭނގެ މޮޅުވާނީ ރާއްޖެ ކަމެއް އިންޑިއާ ކަމެއް. އެހާ ޕްރެޝާ ވަރުގަދަ މެޗެއް އެކުޅެލީ. އަޅުގަނޑުމެން ބަލންތިބި އިރު ގައިން ހީބިހި ނަގާ،" ރަނޭ ވިދާޅުވި އެވެ.

"އެކަމަކު އެއީ ވަރަށް ބައިވަރު މެޗު، ވަރަށް ބައިވަރު ޓްރޭނިން، ދީމާ ދިވެހިރާއްޖެއިން ބޭރުގައި މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ވަރަށް ބައިވަރު މެޗު ކުޅެގެން އެހިސާބަށް އެދެވެނީ.

މިމަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ބައިގައި ދީމާ ކުޅެނީ: ވީއޭއެމްގެ ރައީސް މިސާލެއްގެ ގޮތުގައި ދެއްކީ ދީމާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މިމަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ބައިގައި ދީމާ ކުޅެނީ: ވީއޭއެމްގެ ރައީސް މިސާލެއްގެ ގޮތުގައި ދެއްކީ ދީމާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

"އެހެންވީމަ އަޅުގަނޑުމެން އެހެން ކުޅިވަރުތަކުން އެއީ މިސާލެއް ކަމުގައި ބަލައިގެން، އެގޮތަށް މަސައްކަތް ކުރުން އެއީ މީގެ އަސްލަކީ. އަޅުގަނޑުމެން ދިވެހި ވޮލީ ކުޅުންތެރިން އަޅުގަނޑުމެންނަށް ވުރެ މޮޅު ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް ވާދަވެރި ބައިވަރު މެޗު ކުޅެން ޖެހޭ."

ވާދަވެރި މެޗުތަކެއް ކުޅުމުން ވޮލީ ޓީމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ރަނޭ ފާހަގަ ކުރީ، ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗު ރާއްޖެއިން ކާމިޔާބު ކުރި އެވެ.

"ލަންކާ އާ ދެކޮޅަށް އަޅުގަނޑުމެން މެޗުތަކެއް ކުޅެފަ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފަ. އިންޑިއާގެ ކްލަބާ ދެކޮޅަށް ކުޅެން ކުރިމަތިލިރު އަޅުގަނޑުމެންގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑު އިތުބާރެއްގައި،" ރަނޭ ވިދާޅުވި އެވެ.

ރާއްޖޭގެ ޑޮމެސްޓިކް ވޮލީ އަކީ މީހުން ބަލާ ހިތްވާ ގޮތަކަށް ކުޅޭ މުބާރާތްތަކެއް ކަމުގައި ހަދަން އޭނާގެ އެކްސްކޯއިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން ބަލާ ހިތްވާނީ ވަރަށް ވަރުގަދަ އަށް ނަގާ ޝޮޓެއް. އަދި އެ ޝޮޓް ދިފާއުކުރާ ގޮތް. އެލެވަލް އަށް އަޅުގަނޑުމެންގެ ކުޅުންތެރިން ގެންދިއުމަށްޓަކައި ޑޮމެސްޓިކް މުބާރަތަށް ވެސް ވަރުގަދަ ބިދޭސީ ކުޅުންތެރިން ގެންނަން އަޅުގަނޑުމެން މި ނިންމީ." ރާނޭ ވިދާޅުވި އެވެ.

ރާއްޖެއަށް ގެންނަ ބިދޭސީ ކުޅުންތެރިން ގެންނަނީ އިންޑިއާއިންނެވެ. އިންޑިއާގައި ބޭއްވި ގައުމީ ލީގުގައި އެންމެ ފާހަގަ ކުރެވުނު 18 ކުޅުންތެރިން މި ޕޫލްގައި ހިމެނޭނެ އެވެ. ރަނޭ ވިދާޅުވިގޮތުގައި ސެންޓްރަލް ޒޯންގައި އިރާން ނަގާފައި މިހާރު އެންމެ ވަރުގަދަ ބިދޭސީ ކުޅުންތެރިން މިފަހަރު ކުޅޭނީ ރާއްޖޭގެ މުބާރާތުގަ އެވެ.