Roadha Mihaaru
ރާއްޖެއާ ދެކޮޅަށް ކުޅެން ލަންކާގެ ވޮލީ ޓީމު މާލެއަށް

ރާއްޖެއާ ދެކޮޅަށް މެޗުތަކެއް ކުޅެން ލަންކާގެ ވޮލީ ޓީމު މާލެއަށް

02 ޑިސެމްބަރ 2021

މި މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެން ލަންކާގެ ގައުމީ ވޮލީ ޓީމު އަންނަ ހަފުތާގައި މާލެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެން ލަންކާގެ ގައުމީ ވޮލީ ޓީމު އަންނަ ހަފުތާގައި މާލެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސެންޓަރަލް ޒޯން މުބާރާތުގެ ޒޯން ބީގައި މި ފަހަރު ލަންކާ ވެސް ވާދަކުރާނެ އެވެ. ލަންކާގެ ގައުމީ ވޮލީ ޓީމުން 2019 ވަނަ އަހަރު ވެސް މާލެ އައިސް ވަނީ، ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. އެފަހަރު ލަންކާގެ ޓީމު ރާއްޖެ އައީ އެ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖެ ތައްޔާރުވުމަށް ކުޅޭ މެޗުތަކަކަށް، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ދެއްވި ދައުވަތަކަށެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިފަހަރު ކުޅޭ ތިން މެޗަކީ ލަންކާގެ ވޮލީ ޓީމުން ވެސް އެކަމަށް ބޭނުން ވެގެން ކުޅޭ މެޗުތަކެއް ކަމަށެވެ. ސޯޝަލް ސެންޓަރު އިންޑޯ ހޯލްގައ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އަދި ދެވަނަ މެޗު އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރެ އެވެ. ތިންވަނަ މެޗު ކުޅޭނީ މި މަހު 12 ވަނަ ދުވަހު އެވެ.

"މިފަހަރު މެޗުތައް ރޭވިގެން މިއަންނަނީ ލަންކާ ވެސް އެކަމަށް ބޭނުން ވުމުން. އެއީ އަދިވެސް ކޮވިޑްގެ ހާލަތު އޮތް ގޮތުން ލަންކާއަކަށް ވެސް ނެތް މާގިނަ ގައުމުތަކަކަށް ދަތުރު ކުރެވޭކަށް،" ރަނޭ ވިދާޅުވި އެވެ. "އެހެންވެ ލަންކާއިން ވެސް އެދިގެން މެޗުތައް ރާވަފާއި މިއޮތީ."

އޭނާ ވިދާޅުވީ ލަންކާއާ ދެކޮޅަށް ކުޅޭ ތިން މެޗަށް ފަހު ރާއްޖޭގެ ގައުމީ ޓީމުން ގަތަރުގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސެންޓަރަލް ޒޯންގައި ރާއްޖެ ހިމެނޭ ފަޅީގައި މުޅިން އަލަށް ވާދަކުރަނީ ލަންކާ އާއި އުޒްބެކިސްތާނެވެ. ދެން އޮތް ދެ ގައުމު، ނޭޕާލާއި ބަންގްލަދޭޝް އަކީ ސެންޓްރަލް ޒޯން މުބާރާތުގައި މީގެ ކުރިން ރާއްޖެ ކުޅެފައިވާ ދެ ގައުމެވެ.

ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕް ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ މި މަހު 21-29 އަށެވެ. ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ވެސް ބަންގްލަދޭޝްގައި އޮންނާނެ އެވެ. އެ މުބާރާތުގެ ތާރީހު އަދި ފައިނަލެއް ނުވެ އެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމު ވެސް އެންމެ ފަހުން ކުޅުނު މުބާރާތަކީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. ސެންޓްރަލް ޒޯންގައި ފިރހެން ޓީމަށް އިރުޝާދު ދެނީ ތަޖުރިބާކާރު ކޯޗް އިސްމާއީލް ސާޖިދު (ކާއްޓޭ) އެވެ. އަންހެން ޓީމު ކޯޗަކީ މުންތާޒް އަލީ އެވެ.