Roadha Mihaaru
ވީއޭއެމްގެ އޮޑިޓް ރިޕޯޓްތައް ދޭން ކޯޓުން އަމުރުކޮށްފި

ވީއޭއެމްގެ ބަޖެޓާއި އޮޑިޓް ރިޕޯޓްތައް ދޭން ކޯޓުން އަމުރުކޮށްފި

03 އޯގަސްޓް 2023

ވީއޭއެމްގެ އަހަރީ ރިޕޯޓާއި ބަޖެޓް އަދި އޮޑިޓް ރިޕޯޓްތައް، އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަބްދުﷲ ނަޝީދަށް ދިނުމަށް، ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވީއޭއެމްގެ އަހަރީ ރިޕޯޓާއި ބަޖެޓް އަދި އޮޑިޓް ރިޕޯޓްތައް، އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަބްދުﷲ ނަޝީދަށް ދިނުމަށް، ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކޯޓުން އަމުރު ކުރީ 2021 އާއި 2022 އަދި 2023 ގެ ރިޕޯޓްތައް ދިނުމަށެވެ. އެކަމަކު މި އަހަރު ވެސް އަދި މިދިޔަ ދެ އަހަރު ވެސް ވީއޭއެމްގެ އެނައުލް ކޮންގްރެސް ބާއްވާފައެއް ނުވެ އެވެ.

އެ ރިޕޯޓްތައް ދިނުމަށް ކޯޓުން އަމުރު ކުރީ ކުޅިވަރު ގާނޫނާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ ހިލާފަށް ވީއޭއެމްގެ ހިންގުމުންދާތީ އެ އެސޯސިއޭޝަނާ ދެކޮޅަށް ވޮލީބޯލް އެކަޑަމީ އާއި ނަޝީދު ދައުވާކުރަން ބޭނުންވާ ލިޔެކިޔުންތައް ކަމަށްވާތީ އެވެ.

ބައެއް ލިޔުންތަކަކީ މިދިޔަ ތިން އަހަރުގެ އަހަރީ އާންމު ޖަލްސާ ނުބާއްވާތީ ނެތް ލިޔުންތަކުގެ ގޮތުގައި އެ އެސޯސިއޭޝަނުން ކޯޓުގައި ފާހަގަ ކުރި އެވެ. މި ތިން އަހަރުގެ އަހަރީ ރިޕޯޓާއި ބަޖެޓް ރިޕޯޓެވެ. އަދި މިދިޔަ ދެ އަހަރުގެ އޮޑިޓް ރިޕޯޓް ވެސް ނެތެވެ.

ނަޝީދާއި ވޯލީބޯލް އެކަޑަމީން އެދުނު މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯރުކޮށްދެވޭނެ މައުލޫމާތުތައްކަން ވީއޭއެމްގެ ވަކީލު ފާހަގަ ކުރި އެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ސިނާން އަލީ ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ހައްގު ބޭނުން ނުކުރުމަކީ ހެކި ހާމަކުރުމުގެ އަމުރަށް އެދުމުގެ ހައްގު ހަނި ކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.

ނަޝީދާއި ވޮލީބޯލް އެކަޑަމީން އެދިފައި ވަނީ ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ ލިޔުންތައް ދިނުމަށެވެ. ނަމަވެސް ކޯޓުން އަމުރު ކުރީ އޯގަސްޓް 1 ން ފެށިގެން ބަންދު ދުވަސްތައް ނުލައި 15 ދުވަސްތެރޭ އެ ލިޔުންތައް ދިނުމަށެވެ.

އެ މުއްދަތު ހަމަވާނީ މި މަހު 21 ގަ އެވެ.