Roadha Mihaaru
ޔާމީންގެ ގެކޮޅުން ނެގި ބެނާ ނައްތާލައިފި: އިދިކޮޅު

ޔާމީންގެ ގެކޮޅުން ނެގި ބެނާ ބަލައި ދިޔައިރު ނައްތާލާފައިވާ ކަމަށް ތުހުމަތުކޮށްފި

30 މެއި 2022

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެހީގައި ނަގާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ފުލުުހުން ނެގި "އިންޑިއާ އައުޓް" ބެނާ ބަލައި އިދިކޮޅު ޕާޓީގެ މެންބަރުން ފުލުސް އޮފީހަށް މިއަދު ދިޔައިރު އެ ނައްތާލާފައިވާ ކަމުގެ ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެހީގައި ނަގާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ފުލުުހުން ނެގި "އިންޑިއާ އައުޓް" ބެނާ ބަލައި އިދިކޮޅު ޕާޓީގެ މެންބަރުން ފުލުސް އޮފީހަށް މިއަދު ދިޔައިރު އެ ނައްތާލާފައިވާ ކަމުގެ ތުހުމަތުކޮށްފި އެވެ.

ހައި ކޯޓުގެ އަމުރާ ގުޅިގެން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަނީ ބެނާ ހޯދަން ފުލުސް އޮފީހަށް ވަޑައިގެންފަ އެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުންނާ ދެކެވުނު ވާހަކަތަކަށް ފަހު އަދުރޭ ވިދާޅުވީ ބެނާ ހޯދަން ފުލުސް އޮފީހަށް ވަޑައިގަތީ ފުލުުހުން ގާނޫނާ ހިލާފުވި ކަމަށް ހައި ކޯޓުން ނިންމުމުން ކަމަށެވެ.

ފުލުހުންގެ ވާހަކަ އިން އެނގުނީ، އަދުރޭ ވިދާޅުވި ގޮތުގައި، އެ ބެނާ އާއި އެގޮތަށް ނެގި އެހެން ހުރިހާ ތަކެތި ވެސް ނައްތާލާފައިވާ ކަމެވެ.

"ހައި ކޯޓުން ބާތިލް އަމުރެއް ކަމަށް ކަނޑައެޅީމަ ބެނާތައް ޖެހޭނެ ވަގުތުން ހަވާލުކުރަން، އެއީ ވަރަށް ބޮޑު ހޭދަކޮށްގެން ހަދާފައި ހުރި ޕާޓީގެ އެސެޓްސްތަކެއް. މީގެ ބެނާއަކަށް 75،000ރ. ވަނީ ހަރަދުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ގެކޮޅުގައި ދަމާފައި ހުރި ބެނާއަކީ ގާތްގަނޑަކަށް ދޮޅު ލައްކައެއްހާ ރުފިޔާ. ދެން އޭގެ އިތުރުން މިދަމާ ބެނާއަކަށް 75،000ރ. އާއި 100،000ރ. ދޭތެރޭގައި ވަނީ ހަރަދުކުރެވިފައި."

ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާ. -- މިހާރު ފޮޓޯ/ނިޝާން އަލީ

ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާ. -- މިހާރު ފޮޓޯ/ނިޝާން އަލީ

އޭނާ ވިދާޅުވި ގޮތުގައި ބެނާތައް ނަގައި ނައްތާލާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވީ ޣައިރު ގާނޫނީ ގަރާރެކެވެ. ހައި ކޯޓުގެ އިއްޔެގެ ހުުކުމުގައި ގަރާރާ ދޭތެރޭގައި ކަނޑައެޅިގެން އެއްޗެއް ބުނެފައި ނުވި ނަމަވެސް ބެނާ ނެގުމުގެ އަމުރު ގޯސްކަމަށް ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ދައުލަތާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރިއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގާނޫނެއް އޮތްތޯ ކުރި ސުވާލަކަށް ވެސް ޖަވާބު ނުދެވުނު ކަމަށް އަދުރޭ ވިދާޅާޅުވި އެވެ.

"މިކަމާ ގުޅޭ ގޮތުން ތާކުންތާކު ޖެހޭ ޖަވާބެއް ޕީޖީއަކަށް ވެސް ފުލުހުންނަކަށް ވެސް ދެވިފައެއް ނެތް. އެހެންވީމަ ފުޅާދާއިރާއެއްގައި އިންޑިއާ އައުޓް ގެންދަން މިއޮތީ ހިތްވަރު ލިބިފައި. ހުރަހެއް ނެތްކަން ކަނޑައެޅިގެން ސާބިތުވެފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ކުރިއަށް ވުރެން ވެސް ވަރުގަދައަށް އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ރައީސްގެ ގަރާރު ބާތިލްކަން ވެސް ހައި ކޯޓުގެ އަމުރާއެކު ސާފުވާން އެބައޮތެވެ. އެއީ، އޭގެއިން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނިގުޅައިގަނެވޭތީ ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްގު ނިގުޅައިގަނެވޭނެ ގޮތްތަކެއް ވެސް ގާނޫނުއަސާސީގައި އެބައޮތެވެ.

"އެއްވެސް ހައްގެއް އުނިކުރެވޭނީ ހައްގުތައް ދީފައިވާ މާއްދާއާ ތައާރަޒްނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއް ނުވަތަ ގާނޫނުގެ ބައެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބައްދަލުވާ އިންޑިއާ މީހުން ވެސް އަންނަނީ "އިންޑިއާ އައުޓް" ކެމްޕޭނަށް ތާއީދުކުރަމުން ކަމަށެވެ. އިންޑިއާގެ އަސްކަރިއްޔާ މި ގައުމުގައި ތިބޭކަށް އެ މީހުން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާގެ ސިފައިން މިތަނުގައި ތިބެ ސުލްހަމަސަލަސްކަން ނަގާލަން ތިމަންނަމެން ވެސް ނޭދެއޭ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް އޮޅިގެން އުޅެނީ، ޝިޔާމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ފަދަ ދެތިން ހަތަރު ބޭފުޅަކަށެވެ.