Roadha Mihaaru
އިނގިލި ބުރިކޮށްލި މީހާއަށް ފަސް ދައުވާއެއް ކޮށްފި

އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާއަށް ފަސް ދައުވާ، އަލުން ބަންދުކުރަން އެދެނީ

11 ޖޫން 2022

ގއ. ވިލިނގިލީގައި އަންހެނެއްގެ އިނގިލީގައި ދަތް އަޅައި، އިނގިލިން ބައެއް ބުރިކޮށްލި މައްސަލާގައި ފަސް ދައުވާއެއް އުފުލައި، އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހާ އަލުން ބަންދުކުރަން ދައުލަތުން އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. ވިލިނގިލީގައި އަންހެނެއްގެ އިނގިލީގައި ދަތް އަޅައި، އިނގިލިން ބައެއް ބުރިކޮށްލި މައްސަލާގައި ފަސް ދައުވާއެއް އުފުލައި، އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހާ އަލުން ބަންދުކުރަން ދައުލަތުން އެދެފި އެވެ.

މިދިޔަ މަހު ގެއަކަށް ވަދެ، ޒުވާބުކުރުމަށްފަހު ހިންގި މާރާމާރީގެ ތެރޭގައި އަންހެނެއްގެ އަތުގައި އިނގިލިން ބައެއްގައި ދަތް އަޅައި ވަކިކޮށްލި މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު މިމަހު ކުރީކޮޅު ވިލިނގިލީ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އެ މީހާ މައްސަލަ އިސްތިއުނާފްކުރަން އަނިޔާލިބުނު މީހާގެ އާއިލާއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ އާއިލާއަށް ޕީޖީ އޮފީހުން ފޮނުވި ޖަވާބުގައިވަނީ ތުހުމަތުކުރެވޭ މީހާގެ މައްޗަށް މިދިޔަ ހަފުތާގައި ފަސް ދައުވާއެއް އުފުލާފައިވާ ކަމަށެވެ.

އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެއްގެ އިތުރުން އަނިޔާއެއް ދިނުމުގެ ތިން ދައުވާއެކެވެ. އެ މާރާމާރީގައި އެހެން ބަޔަކަށް ވެސް އަނިޔާވި އެވެ.

ޕީޖީން އެ ޖަވާބުގައި ބުނެފައިވަނީ އެ މީހާ ވިލިނގިލީ ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށެވެ. އެކަމަކު އޭނާ އަލުން ބަންދުުކުރަން އެ ކޯޓުގައި އެދޭނެ ކަމަށް އެ ޖަވާބުގައިވެ އެވެ.

ވިލިނގިލީ ކޯޓުން އެ މީހާ ދޫކޮށްލީ ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގައި 150 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވަނިކޮށެވެ.