Roadha Mihaaru

ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވާ ނަމަ ޓިކެޓް ނުލިބޭ ގޮތަށް އިސްލާހުކުރަން ވިސްނަނީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ތަކުރާރުކޮށް ހިލާފުވާ މެމްބަރުންނަށް ކުރިއަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދު އިސްލާހުކުރަން ވިސްނަމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ތަކުރާރުކޮށް ވިޕާ ހިލާފުވާ ނަމަ ޓިކެޓް ނުދޭ ވިސްނުމެއް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

14 ޖޫން 2022

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ތަކުރާރުކޮށް ހިލާފުވާ މެމްބަރުންނަށް ކުރިއަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދު އިސްލާހުކުރަން ވިސްނަމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އެ ގޮތަށް ވިދާޅުވީ، 65 މެމްބަރުން ތިއްބަވާ ޕާލަމެންޓްރީ ގްރޫޕްގެ 19 މެމްބަރަކު ވިޕްލައިނަށް ވޯޓު ނުދެއްވާނެ ކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ. މީގެ ކުރިން، އެ ގްރޫޕްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމާ އެއްކޮޅަށް، އެމްޑީޕީގެ މެމްބަރުންތަކެއް ވޯޓު ދެއްވާފައި އެވެ.

އެ ފަހަރު ވެސް އަސްލަމް ވިދާޅުވީ، ޕީޖީގެ ގަވައިދަށް އިސްލާހު ގެނެސްގެން ވިޔަސް މިހާރަށް ވުރެ ބޮޑަށް ވިޕްލައިނާ އެއްގޮތަށް މެމްބަރުންނަށް ބާރު އެޅޭނެ އުސޫލްތައް ގާއިމުކުރަން ޖެހޭ ކަމަށެވެ. އެކަމަށް މަޝްވަރާކުރައްވަމުން ވެސް އަންނަ ކަަމަށް ވިދާޅުވި އެވެ.

އެ ބަދަލު ގެނައުމުގެ ވިސްނުމަށް ބާރު ދެއްވައި އަސްލަމް މިއަދު ވިދާޅުވީ ތްރީ ލައިނާއި ޓޫ ލައިން އަދި ފްރީ ވިޕް ނެރެން އޮންނަ އިރު، ތްރީ ލައިނާ ހިލާފުވުން އެއީ މެމްބަރުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެބަ ވިސްނަން ބަދަލު ގެންނަން. ތަކުރާރުކޮށް ތްރީ ލައިން ވިޕާ ހިލާފުވާ ފަރާތްތަކަށް ޕާޓީގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ހަދަން،" އަސްލަމް ވިދާޅުވި އވެެ.

އެ ބަދަލު ގެންނަން ހުށަހަޅުއްވައި، ތަންފީޒުކުރުމާ މެދު މެމްބަރުންގެ ހިޔާލު ފުޅާދާއިރާއެއްގައި ހޯދަން މަޝްވަރާކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޕާ ހިލާފުވުމަކީ އެއްވެސް މެމްބަރަކު ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. މެމްބަރުންނަކީ އެ އަށް ވުރެ ޒިންމާދާރުކަމާ އެކު ކަންކަން ކުރައްވަން ޖެހޭ ބޭފުޅުން ކަމަށާއި ތަކުރާރުކޮށް އެގޮތަށް އަމަލުކުރައްވާ ނަމަ އޮންނަ އުސޫލުގެ ތެރެއިން ވެސް ފިޔަވަޅު އަޅުއްވާނެ ކަަަމަށް ވިދާޅުވި އެވެ.

ތްރީ ލައިން ވިޕާ ހިލާފުވެއްޖެ ނަމަ އެމްޑީޕީން މިހާރު އަޅާ ފިޔަވަޅުތައް

- ފުރަތަމަ ނަސޭހަތް ދިނުން.

- ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުން.

- ތިން ވަނަ ފަހަރަށް ނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން. އޭގެތެރޭގައި ދަތުރުތައް ފަދަ ކަންކަން ހިމެނޭ.

- ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން.

- ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުން.

ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވިޕްލައިނާ ހިލާފުވާނެ ކަމަށް އިއްޔެ ހާމަކުރެއްވީ އެ ގްރޫޕްގެ ބައްދަލުވުމެއްގައި، ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ހުށަހަޅަން މެމްބަރުންގެ ތާއީދު ނުލިބުމުން އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އެއީ، އެ ވާހަކަ މަޖިލީހުގައި ދައްކަން ބޭނުން ނުވުން ކަމަށް ނަޝީދު ފެކްޝަންގެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތަކަށް އެ ގަރާރު ހުށަހެޅުމުން އެއްކޮޅަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގަތް މެމްބަރުންގެ ތެރެއިން އަށް ބޭފުޅެއް ކަމަށެވެ. އެ ބަލައިނުގަތުމަށް 17 ބޭފުޅަކު ވޯޓު ދެއްވި ކަމަށް ވިދާޅުވި އެވެ.

"އޭގައި އަޅުގަނޑު ކުރާނެ ކަމެއް ނޯންނާނެ. އެއީ ވިޕެއް ވެސް ނޫން، މަޖިލީހަށް ބަލައިގަތުމަށް ފެންނަތޯ ބަލަން ނިންމީ އިއްޔެ. ތާއީދު ނުލިބުނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާލަމެންޓްރީ ގްރޫޕްގައި އަސްލު މައްސަލައަކީ ހިޔާލު ތަފާތުވުމެވެ.

"އަސްލު އިޝޫއަކަށް ވެގެން އުޅެނީ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ދެ ފަރާތަކަށް ވިސްނުން ހުރީމާ މައިނޯރިޓީގެ ބޭފުޅުން ބޭނުން ނުވަނީ މެޖޯރިޓީއަށް ތަބާވާން،" އަސްލަމް ވިދާޅުވި އެވެ.

އެކަމަކު، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވީ މައްސަލައަކީ މައިނޯރިޓީގެ އަޑު ނޭހުމާއި ބަހުސްކުރަން ވެސް ޕީޖީގައި ޖާގަ ނުލިބުމުން ކަމަށެވެ. އެ ފުރުސަތު ނުލިބޭ ނަމަ ވިޕަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.