Roadha Mihaaru

މެމްބަރުން ބަދަލުކޮށް ނުދިނުމަކީ ނަޝީދަށް ލިބޭ އިހުތިޔާރީ ކަމެއް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަދަލު ނުކޮށްދެއްވި މައްސަލަ ހޫނުވެއްޖެ އެވެ.

ކޮމިޓީތައް ބަދަލުނުކޮށްދިން މައްސަލަ ހޫނުވެއްޖެ
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

16 މެއި 2023

ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަދަލު ނުކޮށްދެއްވި މައްސަލަ ހޫނުވެއްޖެ އެވެ.

އެ މައްސަލަ ހޫނުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

އެ ގުރޫޕްގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު މަޖިލިހުގެ ރިޔާސަތުގައި ހުންނަވާހާ ދުވަހަކު، މެމްބަރުންގެ ރުހުމާ ނުލައި ކޮމިޓީތަކުން މެމްބަރުން ވަކި ނުކުރާނެ ކަމަށެވެ. އެ މަނިކުފާނު ވަރަށް ހަރުކަށިކަމާ އެކު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތަކަށް ހިންގަން އޮތް ތަނެއް ނޫނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ނަޝީދަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ 13 ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެމްބަރުންނަށް ބަދަލު ގެނެސް ދެއްވުމަށެވެ. އޭގެ ތެރޭގައި ބައެއް ކޮމިޓީތަކުގެ މުގައްރިރުންނާއި ކޮމިޓީ މެމްބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި މުޅިން ކަހަލަ ގޮތަކަށް ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތު ވެގެން ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުންނެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންނަށް ވަނީ އެމްޑީޕީގެ އުސޫލާ ހިލާފަށް ކަންކަން ކުރައްވާތީ އެ ޕާޓީން ފަހުގެ އިންޒާރު ވެސް ދީފަ އެވެ.

އެ މައްސަލާގައި އަސްލަމް "މިހާރު" އަށް މިރޭ ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް ކޮމިޓީތަކަށް ބަދަލު ގެންނަން ނަޝީދު ދެކޮޅު ހައްދަވާ މައްސަލަ ބޮޑު ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ

"މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓްރީ ގުރޫޕުން އެދުނީމާ މަޖިލިހުގެ ރައީސަށް ޖެހިވަޑައިގަންނަވާނީ ކޮމިޓީތަކުން އެ ޕާޓީއަކުން ބޭނުންވާ ގޮތަށް މެމްބަރުން ބަދަލު ކޮށްދެއްވަން. އެއީ މަޖިލިހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮތް ގޮތް. މަޖިލިހުގެ ރައީސް ބޭނުންފުޅުވާ ގޮތަށް އެ ކަން ކުރުމުގެ އިހުތިޔާރީ ބާރެއް ނޯންނާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މި ފެންނަނީ [މަޖިލިހުގެ ރައީސްޕ ބާރު ދައްކަވާ ތަން. ގަދަ ހައްދަވާ ތަން. ނުކުރައްވާނަމޭ ވިދާޅުވާތަން."--- އަސްލަމް

މަޖިލިހުގެ ގަވާއިދުގައި ބުނެފައި ވަނީ ކޮމިޓީގައި ހިމެނޭ އެ ޕާޓީއެއްގެ މެމްބަރެއްގެ ބަދަލުގައި އެ ޕާޓީގެ އެހެން މެމްބަރަކު ހަމަޖައްސައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެދެން ޖެހެނީ މަޖިލިހުގެ ރައީސްގެ އަރިހުގައި ކަމަށެވެ. އެ ގޮތަށް ޕާލަމެންޓްރީ ގުރޫޕުން އެދުމުން އެ މެމްބަރެއްގެ އިހުތިރާޒެއް ނެތްކަން މަޖިލިހުގެ އިދާރާ އިން ކަށަވަރު ކުރުމަށް ފަހު، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ވެރިންނަށް މަޖިލިހުގެ ރައީސް އެ ކަން އަންގަވަން ޖެހެ އެވެ.

އެކަމަކު، އެ ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ހިމެނޭ ކޮމިޓީ ބަދަލުކުރަން އެ މެމްބަރު އިއުތިރާޒު ކުރާ ނަމަ މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ޕާލަމެންޓްރީ ގުރޫޕުން ގޮތެއް ނިންމަން ޖެހެ އެވެ. އެ ހާލަތުގައި މަޖިލިހުގެ އިދާރާ އިން ކުރަންޖެހޭ ކަމަކީ އިއުތިރާޒު ކުރާ މެމްބަރުގެ ކޮމިޓީ ބަދަލުކުރަން އެ ޕާޓީއެއްގެ ޕާލަމެންޓްރީ ގުރޫޕްގެ ޖުމްލަ އަދަދުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަން ކަށަވަރު ކުރުމެވެ.

އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލުތައް:

1- ޖުޑިޝަރީ ކޮމިޓީ: މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެ ކޮމިޓީ އަށް ހަމަޖައްސަން.

2- ޕެޓިޝަން ކޮމިޓީ: ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ބަދަލުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެ ކޮމިޓީ އަށް ހަމަޖައްސަން.

3- އެސްއޯއީ ކޮމިޓީ: މުގައްރިރު، އިލްޔާސް ލަބީބްގެ ބަދަލުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެ ކޮމިޓީ އަށް ހަމަޖައްސަން.

4- އިމްތިޔާޒާއި ސުލޫކް ކޮމިޓީ: މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ ބަދަލުގައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެ ކޮމިޓީ އަށް ހަމަޖައްސަން.

5- ޕެޓިޝަން ކޮމިޓީ: އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެ ކޮމިޓީ އަށް ހަމަޖައްސަން.

6- އާންމު ކޮމިޓީ: މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް އެ ކޮމިޓީ އަށް ހަމަޖައްސަން.

7- އާންމު ކޮމިޓީ: އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންގެ ބަދަލުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެ ކޮމިޓީ އަށް ހަމަޖައްސަން.

8- ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެ ކޮމިޓީ އަށް ހަމަޖައްސަން.

9- އިޖުތިމާއީ ކޮމިޓީ: ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެ ކޮމިޓީ އަށް ހަމަޖައްސަން.

10- ޖުޑިޝަރީ ކޮމިޓީ: ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެ ކޮމިޓީ އަށް ހަމަޖައްސަން.

11- ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ: ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ބަދަލުގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެ ކޮމިޓީ އަށް ހަމަޖައްސަން.

12- ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ: މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ހަމަޖައްސަން.

13- އެސްއޯއީ ކޮމިޓީ: ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ބަދަލުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހަމަޖައްސަން.

"އެހެންވީމާ އެއީ ނަޝީދު ނިންމަވާ ކަމެއް ނޫން. އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުމާ އެއްވެސް މެމްބަރަކު އިއުތިރާޒު ކުރާ ނަމަ އެ ކަން ކުރަންވީ ގޮތް މަޖިލިހުގެ ގަވާއިދުގައި ސާފުކޮށް އެ އޮތީ ބަޔާން ކޮށްފައި. އެ ހާލަތުގައި ޕާލަމެންޓްރީ ގުރޫޕްގެ ޖުމްލަ އަދަދުން ނިންމަން ފޮނުވީމާ އެކަން ނިމުނީ،" އަސްލަމް ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި މި ފެންނަނީ [މަޖިލިހުގެ ރައީސްޕ ބާރު ދައްކަވާ ތަން. ގަދަ ހައްދަވާ ތަން. ނުކުރައްވާނަމޭ ވިދާޅުވާތަން."

އަސްލަމް ވިދާޅުވީ، މަޖިލިހުގެ ގަވާއިދަކީ ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ ހަމައެކަނި ގަވާއިދު ކަމަށް ވުމުން، އެ އަށް ވުރެ މަތިން ކަންކަން ކުރެއްވުމުގެ ބާރު މަޖިލިހުގެ ރައީސަކަށް ވެސް ނޯންނާނެ ކަމަށެވެ.

"އެހެންވީމާ އަމިއްލަ ގޮތްތަކެއް މަޖިލިހުގެ ރައީސަކަށް ނުނެރުއްވޭނެ. އެ އަށް ހުރުމަތްތެރިކޮށް ހިތުމަކީ މަޖިލިހުގެ ރައީސްގެ ޒިންމާއެއް. މަސްއޫލިއްޔަތެއް. މަޖިލިހުގެ ގަވާއިދަކީ ގާނޫނުއަސާސީގެ ބާރުވެރިކަމުގައި އޮތް އެއްޗެއްކަން ރައީސް ނަޝީދަށް އަޅުގަނޑު ހަނދާންކޮށްދެން. އެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވައި، އެ އަށް ވުރެ މަތިން ކަންކަން ނިންމެވުމަށް ރައީސް ނަޝީދުގެ އަރިހުން އަޅުގަނޑު އެދެން،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީން ނިންމީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އާޒިމަށް ވާދަކުރައްވައި، ޓިކެޓް ނުލިބޭ ގޮތަށެވެ.