Roadha Mihaaru
ކޮލަމްބިއާގެ ރައީސްކަމަށް ކުރީގެ ހަނގުރާމަވެރިޔާ

ކޮލަމްބިއާގެ ރައީސްކަމަށް ކުރީގެ ހަނގުރާމަވެރިޔާ

20 ޖޫން 2022

ކޮލަމްބިއާގައި އިއްޔެ ބޭއްވި ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ކާމިޔާބު ކުރައްވައި، އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް، ކުރީގެ މަޝްހޫރު ހަނގުރާމަވެރިޔާ ގުސްޓާވޯ ޕެޓްރޯ އިންތިހާބުވެއްޖެ އެވެ.

ކޮލަމްބިއާގައި އިއްޔެ ބޭއްވި ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ކާމިޔާބު ކުރައްވައި، އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް، ކުރީގެ މަޝްހޫރު ހަނގުރާމަވެރިޔާ ގުސްޓާވޯ ޕެޓްރޯ އިންތިހާބުވެއްޖެ އެވެ.

ކޮލަމްބިއާގެ ރިއާސީ އިންތިހާބުގެ ވޯޓުލުން އޮތީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. ރިއާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އެ ދުވަހު ވޯޓުލުމުގައި އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް، ވޯޓުގެ 50 ޕަސެންޓް ކާމިޔާބެއް ނުކުރެއްވުނެވެ. އެހެންކަމުން އެ ދުވަހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ބޭއްވީ އިއްޔެ އެވެ.

އިއްޔެގެ އިންތިޚާބުގައި ވާތު ފިޔައިގެ ހިއުމޭން ކޮލަމްބިއާ ޕާޓީގެ ގުސްޓާވޯ އަށް، ވޯޓު ލީ މީހުންގެ 50.4 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި މިނިވަން ކެންޑިޑޭޓް ރޮޑޮލްފޯ ހެރެނަންޑޭޒް އަށް ލިބިވަޑައިގަތީ، ވޯޓު ލީ މީހުންގެ 47.3 ޕަސެންޓް ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގުސްޓާވޯ ވިދާޅުވީ ކޮލަމްބިއާ މިހާރު ދަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށެވެ. އަދި އެ ބަދަލު މިސްރާބު ހިފާފައިވަނީ ގައުމުގެ ރައްޔިތުން އެދޭ މަންޒިލަށް ކަމަށާއި، އެ މަންޒިލަކީ، ލޯތްބާއި، ދެނެގަތުމާއި ވާހަކަ ދެއްކުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ޙަރަކާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮލަމްބިއާގައި ހިނގި ހަތިޔާރުގެ ކުރިމަތިލުންތަކުގައި، ގުސްޓާވޯއަކީ ވެސް ހަނގުރާމަވެރި ޖަމާއަތެއްގައި އިސްވެ ހަރަކާތްތެރިވި، ކުރީގެ ހަނގުރާމަވެރިއެކެވެ. އެމް-19 ހަރަކާތުގެ އިސް ވެރިޔާގެ ހައިސިއްޔަތުން ދާހިލީ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައަޅައި، އޭނާ ޖަލުގައި ވެސް ހައްޔަރުކުރި އެވެ.

އޭގެ ފަހުން، ކުރީގެ ސަރުކާރުން ދިން އަފޫއާންމެއްގެ ދަށުން މިނިވަންކޮށްފައި ހުރި ގުސްޓާވޯ ސިޔާސީ ދާއިރާއާ ގުޅިވަޑައިގެން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ. އަދި ބޮގޯޓާގެ މޭޔަރުކަން ވެސް ކުރެއްވި އެވެ.

ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި އެއްވުމެއްގައި ގުސްޓާވޯ ވަނީ، އޭނާގެ ވާދަވެރި ސިޔާސީ ލީޑަރުންނަށް ސުލްހައިގެ ފަތްކޯޅިއެއް ދިއްކޮށްލައްވައިފަ އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ހުރިހާ ވާދަވެރިން ވެސް، ކޮލަމްބިއާގެ ގައުމީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، ރިއާސީ ގަނޑުވަރަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

"އަލަށް ފެށިގެން ދާ މި ސަރުކާރުގައި ސިޔާސީ ދެކޮޅުވެރިކަމެއް ނުވަތަ ގާނޫނީ ދެކޮޅުވެރިކަމެއް އެއްވެސް ބަޔަކާ މެދުގައި ނޯންނާނެ. ކޮންމެ ބަޔަކާ މެދުގައިވެސް އޮންނާނީ އިހްތިރާމްކުރުމާއި މަޝްވަރާކުރުމުގެ އުސޫލު. މި ސަރުކާރުން އަހާނީ، ހަތިޔާރު އުފުލައިގެން އުޅޭ މީހުންގެ އަޑު އެކަންޏެއް ނޫން. ދަނޑުވެރިންނާއި ކޮލަމްބިއާގެ އަސްލު ވަޒަންވެރިންނާއި ޒުވާނުންގެ މައްޗަށް އެކުލެވިފައި އޮންނަ، ހަނުހިމޭން އަޣުލަބިއްޔަތުގެ އަޑުވެސް އަހަރެމެން އަހާނަން."

އިންތިހާބުގެ ނުރަސްމީ ނަތީޖާ ރޭ އިއުލާންކުރުމާއެކު، ވާދަވެރި މިނިވަން ކެންޑިޑޭޓް ރޮޑޮލްފޯ ހެރެނަންޑޭޒް ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ގުސްޓާވޯ އަށް ތަހުނިޔާ ދަންނަވައިފަ އެވެ. އަދި ވިދާޅުވީ މިއީ ރައްޔިތުންނަށް ފައިދާ ހުރި ބަދަލަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.