Roadha Mihaaru
އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުން: ޕޮލިސް

ހަމަނުޖެހުމަށް އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުން: ޕޮލިސް

21 ޖޫން 2022

ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ވަދެ، ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް އާލާތްތައް ނެރުނީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ އޮފީހުން ކަން އެނގިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ވަދެ، ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް އާލާތްތައް ނެރުނީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ އޮފީހުން ކަން އެނގިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުން ކަން އެނގިފައި ވެ އެވެ،" ބަޔާނުގައި ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ޔޯގާގެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ" ސީރިއަސް ކަމެއްގެ ގޮތުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، ޔޯގާގެ ހަރަކާތުގެ ހަމަނުޖެހުން ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި، ފުލުހުން އިޖާބަދިން ގޮތުގެ "އިންޓާނަލް ރިވިއުއެއް" ހަދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ ރަސްމީ އޮފީހުން ދިދަތައް ނެރެ ބައެއްގެ އަތަށް ދެނީ ރޭ ފަތިހު، ފަހެއް ޖެހިއިރު އެވެ. އެއްވުން ބާއްވަން އޮތީ ހެނދުނު ހައެއް ޖެހިއިރެވެ.

ޕީޕީއެމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ޕާޓީން ބުނީ، އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކުށްވެރިކުރަން ހަމަނުޖެހުން ހިންގުން. މި ޕާޓީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން އެއީ،" ޔޯގާ އިވެންޓުގައި ހިނގައިދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.