Roadha Mihaaru
ހަމަނުޖެހުމުން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް ދެމަސް

ޔޯގާގެ ހަމަނުޖެހުމުން ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދަށް ދެ މަސް!

22 ޖޫން 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ގެންދަނިކޮށް އެ ތަނަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު ދެ މަސް ދުވަސް ވަންދެން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ގެންދަނިކޮށް އެ ތަނަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު ދެ މަސް ދުވަސް ވަންދެން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

ފުލުހުން މިއަދު ބުނީ ޔޯގާގެ ހަރަކާތުގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ދިވެހި ހަ ފިރިހެނުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަދި ހަތަރު މީހެއްގެ ބަންދަށް ދެ މަސް ދީފައިވާ ކަމަށެވެ.

ގަލޮޅު ދަނޑުގައި އެ އިވެންޓް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔަކު "ﷲ އަކްބަރު" އޭ ގޮވަމުން، ދުވަމުން ގޮސް އެ ތަނުން އެ މީހުން ބޭރަށް ނުކުތުމަށް ގޮވައި ހަޅޭލެވި އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައިރު، ސަލާމަތީ ކަންކަން ބަލަހައްޓަން ދަނޑުގެ ބޭރުގައި ތިބީ ހައެއްކަ ފުލުހުން ކަމަށް ވެ އެވެ. ނަމަވެސް އެ ހަރަކާތް ބާއްވާތީ އޭގެ ކުރިން އެކި ފަރާތްތަކުން އިންޒާރުދީ، އަދި އެއީ އިސްލާމްދީނާ ހިލާފު ކަމަކަށް ވާތީ އެ ކަން ނުކުރަން ވެސް އޮތީ އެދިފަ އެވެ.

ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ދަނޑަށް ވަދެ ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދިން މީހުން ކޮންޓްރޯލް ކުރެވުނީ ފުލުހުންގެ ފައުޖެއް ފަހުން ގޮސް ޓިއާ ގޭސް ވެސް ޖަހައިގެންނެވެ.

ފުލުހުން ބުނެފައި ވަނީ ޔޯގާގެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ" ސީރިއަސް ކަމެއްގެ ގޮތުގައި އެ އިދާރާގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބަލަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ވެސް އިއްޔެ ވަނީ އެކުލަވާލައިފަ އެވެ.