Roadha Mihaaru
ތިންމީހަކު ބަންދުން ދޫކޮށްލީ ރޭގަނޑު ގޭބަންދުވާ ގޮތަށް

އިދިކޮޅުގެ މުޒާހަރާއިން ހައްޔަރުކުރި ތިން މީހަކު ދޫކޮށްލީ ރޭގަނޑު ގެއިން ނުކުތުން މަނާކޮށްފައި

09 ޖެނުއަރީ 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުން ބަންދުން ދޫކޮށްލި އިރު ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ރޭގަނޑު ގެއިން ނުކުތުން މަނާކޮށްފައި ވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުން ބަންދުން ދޫކޮށްލި އިރު ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ރޭގަނޑު ގެއިން ނުކުތުން މަނާކޮށްފައި ވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންދާއިރު، އެ އެއްވުންތަކުން ދެ ހަފްތާގެ ތެރޭގައި 100 އެއްހާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "މިހާރު" އަށް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާއިން ގެންދިޔަ މީހުންގެ ތެރެއިން ތިން މީހަކު ކޯޓުން ދޫކޮށްލާފައި ވަނީ ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަތުރުކޮށްފައި ކަމަށެވެ.

އެގޮތަށް ޝަރުތުކޮށްފައި ދޫކޮށްލީ ޗެނަލް13ގެ ނޫސްވެރިޔާ، މުހައްްމަދު ސަމާހު، ޕީޕީއެމްގެ ޔޫތު މެމްބަރު އައިޝަތު ނުހާ، އަދި އެ ޕާޓީގެ ސެނެޓަރު އަމާނީ މުހައްމަދެވެ.

ހީނާ ވިދާޅުވި ގޮތުގައި ސަމާހުއަށް ޝަރުތުކޮށްފައި ވަނީ 30 ދުވަސް ވަންދެން ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނުކުތުމަށެވެ. އަދި ނުހާ އާއި އަމާނީ 60 ދުވަސްވަން ދެން ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތުކޮށްފައިވެ އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ސުލްހަވެރި އެއްވުމެއްގެ ތެރެއިން މިގޮތަށް ހައްޔަރުކޮށް މިފަދަ އަދަބެއް ދެވެނީ،" ހީނާ ވިދާޅުވި އެވެ.

އިދިކޮޅުގެ މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ގިނަ މީހުން ހައްޔަރުނުކޮށް ދޫކޮށްލަ އެވެ. އެކަމަކު، މީގެ ކުރިން މުޒާހަރާއަކުން ހައްޔަރު ކުރި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފައިވެ އެވެ. އެ ދެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.

ހީނާ ވިދާޅުވީ، ފުލުހުން މިހާރު މުޒާހަރާތަކުން މީހުން ހައްޔަރު ކުރަނީ ފުލުހުންގެ ގާނޫނުގެ ދަށުން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށެވެ. މުޒާހަރާތަކުގެ ތެރެއިން އިންޒާރެއް ނެތި، އުމުރުން ދުވަސްވީ މީހުން ވެސް ހައްޔަރު ކުރާއިރު، އެ މީހުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި ފިރިހެން ފުލުހުން އަންހެނުން ގައިގައި އަތްލައި ހައްޔަރު ކުރަން އުޅޭ ކަމަށް ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތައް ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކުރަން މިއަދު އެ ކޮމިޝަނާ ބައްދަލުކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލަ ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅާނެ ކަމަށެވެ.

މީގެ ކުރިން އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު އޭރުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކުން ހައްޔަރު ކުރި ބައެއް މީހުން ބަންދުން ދޫކޮށްލި އިރު ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ވަކި މުޒާހަރާތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަނާކުރުމާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުތުން މަނާކުރުން ހިމެނެ އެވެ. އޭރު އެމްޑީޕީން ވެސް މި ފަދަ ޝަރުތުތަކާ ދެކޮޅަށް ވަނީ ވާހަކަ ދައްކައިފަ އެވެ.