Roadha Mihaaru
ދިވެހި ފައިސާގެ ނިޝާންގައި "ރ" އެއް

ދިވެހި ފައިސާގެ ނިޝާނަކީ އިތުރު ރޮނގުބުރިއަކާ އެކު "ރ" އެއް

03 ޖުލައި 2022

ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ތާނައިގެ "ރ" އެއް ހިމެނޭ ނިޝާނެއް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ތާނައިގެ "ރ" އެއް ހިމެނޭ ނިޝާނެއް ތައާރަފްކޮށްފި އެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފައިސާގެ ނިޝާން ލޯންޗުކޮށްދެއްވީ އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

މި ނިޝާން ފަރުމާކުރީ، މ.ސްޕޮޓްލައިޓް، ހަސަން ޝުޖާއު އެވެ. މިދިޔަ އަހަރު އެމްއެމްއޭ އިން ދިވެހި ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެ އެވެ. ސުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ.

ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ.

އެ ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ. މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވީ އެވެ. އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް މި ނިޝާން ބޭނުން ކުރެވޭނެ ގޮތްވުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ. އޭނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގައި ދިވެހި ތާނަ އަކުރެއް ބޭނުން ކުރުމަކީ ލިބުނު ފަހުރެއް ކަމަށް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ. އޭނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގައި ދިވެހި ތާނަ އަކުރެއް ބޭނުން ކުރުމަކީ ލިބުނު ފަހުރެއް ކަމަށް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ޝައުނާ ވިދާޅުވީ، ފައިސާގެ ނިޝާން ކަނޑައަޅާފައިވަނީ ދުނިޔޭގެ 50 ވަރަކަށް ގައުމުން ކަމަށްވާ އިރު އެގައުމުތަކުގެ ލިސްޓަށް ރާއްޖެ އައުން މިއީ ލިބުނު އިތުރު ފަހުރެއް ކަމަށެވެ.

"ދިވެހި އަކުރުގެ ސިފަ މިއަދުމި ތައާރަފް ކުރެވުނު ނިޝާންގައި ފެންނަން އެބަހުރި. މި ނިޝާން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ވެއްދުމަށް އެންމެން ވެސް މަސަައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި ނިޝާނަށް އާންމުން އަހުލުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ހެދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ނިޝާން އިންޓަނޭޝަނަލް ފެންވަރެއްގައި ބަލައިގަންނަ "ޔުނިކޯޑް ސްޓޭޑާޑް" ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ދިވެހި ފައިސާގެ ނިޝާން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ގަވަރުނަރު އަލީ ހާޝިމް އަދި މިނިސްޓަރު އައިމިނަތު ޝައުނާ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ދިވެހި ފައިސާގެ ނިޝާން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ގަވަރުނަރު އަލީ ހާޝިމް އަދި މިނިސްޓަރު އައިމިނަތު ޝައުނާ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ގަވަރުނަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕްރިންޓް ކުރާ ފައިސާގައި ވެސް މި ނިޝާން ހިމަނާނެ ކަމަށެވެ.

"ނިޝާން ފަރުމާކުރުމުގައި އަޅުގަނޑުމެން ބެލީ އާންމުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ފަދަ ޑިޒައިނެއް ހޯދުމަށް. ސުޖާއުގެ ޑިޒައިނުން އެކަންކަން އެބަ ހާސިލުވޭ،" އޭނާ ވިދާޅުވި އެވެ.

އަލަށް ތައާރަަފްކުރި ނިޝާނާ އެކު ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މި ނިޝާނެވެ.