Roadha Mihaaru

ބަދަލުކުރަންޖެހޭ ކުރީގެ ނޫޓްތަކުގެ 145 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ: އެމްއެމްއޭ

ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތަކުގެ ތެރެއިން އަދިވެސް 145 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

ކުރީގެ ނޫޓްތަކުގެ 145 މިލިއަން ނުލިބޭ: އެމްއެމްއޭ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

13 ޖުލައި 2021

ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތަކުގެ ތެރެއިން އަދިވެސް 145 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ މިހާރު ގެންގުޅޭ ރަން ދިހަފަހެއް ނޫޓް ސީރީޒް ނެރުނު އިރު ދައުރުވަމުން ދިޔަ ކަރުދާސް ނޫޓުގެ 2.9 ބިލިއަން ރުފިޔާގެ ތެރެއިން 95 ޕަސެންޓް މިހާރު ލިބިފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާ އެވެ.

ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި ރަންދިހަފަހެއް ސީރީޒްގެ ޕޮލިމާ ނޫޓް 2015 ގައި ބޭނުންކުރަން ފެށުމަށް ފަހު ކުރީގެ ކަރުދާސް ނޫޓް ބަދަލުކުރަން އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ދީފަ އެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ހުރިހާ ދުވަހެއްގައި ވެސް ބޭންކިން ހިދުމަތްދޭ ގަޑިތަކުގައި އެމްއެމްއޭ އަށް ގޮސް ނޫޓުތަކަށް ބަދަލު ހޯދޭނެ އެވެ.

ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށުމަށް ފަހު ޖުލައި 31، 2016 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ހުށަހެޅި 2، 10، 20، 50، 100 އަދި 500ރ. ގެ ކަރުދާސް ނޫޓުތައް ވަނީ ރަން ދިހަފަހެއް ނޫޓަށް ބަދަލުކޮށްދީފަ އެވެ.

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާ ދައުރުކުރުމަށް ނެރުމަށް ފަހު ޑިސެމްބަރު 31، 2017 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ހުށަހެޅި ފަސް ރުފިޔާގެ ކަރުދާސް ނޫޓުތައް ވެސް ވަނީ ރަން ދިހަފަހެއް ނޫޓަށް ބަދަލުކޮށްދީފަ އެވެ. އޭގެ ފަހުން ބާ ނޫޓުތައް ބަދަލުކޮށްދެނީ އެމްއެމްއޭ އިންނެވެ.