Roadha Mihaaru
ސައްހަ ނޫން ރުފިޔާގެ ނޫޓު ދައުރެއް ނުވޭ: އެމްއެމްއޭ

ސައްހަ ނޫން ރުފިޔާގެ ނޫޓު ދައުރެއް ނުވޭ: އެމްއެމްއޭ

08 ސެޕްޓެމްބަރ 2023

ސައްހަ ނޫން 500ރ. ގެ ނޫޓު ދައުރުވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތައް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޮގުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސައްހަ ނޫން 500ރ. ގެ ނޫޓު ދައުރުވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތައް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޮގުކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ، ސޯޝަލް މީޑިއާގައި ސައްހަ ނޫން ކަމަށް ބުނެ ދައުރު ވަމުން ދާ 500 ރުފިޔާގެ ނޫޓު އެ އިދާރާއިން ގެނެސް ޗެކް ކުރި އިރު އެއީ ސައްހަ ނޫޓެއްކަން ޔަގީން ވެފައިވާ ކަަމަށެވެ.

އެ އިދާރާއިން ބުނީ، ނޫޓުތަކުގެ އެކި ބެޗްތަކުގައި ނޫޓުތަކުގެ ސައިޒުގައި ކުޑަ ތަފާތެއް ހުރެދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި 500ރ. ގެ އެނޫޓު ދައުރު ކުރީ، ނޫޓު ސައިޒު ކުޑަ ކަމަށް ބުނެ އެވެ. އަދި ސައިޒު ކުޑަވުމުން އެ ނޫޓުގެ ސައްހަކަމާ މެދު ސޯޝަލް މީޑިއާގައި އާންމުވި އެ ޕޯސްޓުގައިވަނީ ސުވާލު އުފައްދާފަ އެވެ.

ރާއްޖެއަށް ޕޮލިމާ ނޫޓު ތައާރަފްކުރީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2016 ވަނަ އަހަރު އެވެ. އެ ނޫޓު ސީރީޒްގެ ދަށުން 5، 10، 20، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ތައާރަފްކުރި އެވެ. އާ ނޫޓު އުފެއްދީ، ހާއްސަ ސެކިއުރީ ފީޗާތަކާ އެކު އެވެ.