Roadha Mihaaru
500ރ.ގެ ވަގު ނޫޓް ދައުރެއް ނުވޭ: އެމްއެމްއޭ

500ރ.ގެ ވަގު ނޫޓް ދައުރެއް ނުވޭ: އެމްއެމްއޭ

18 ޖެނުއަރީ 2021

ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް އާންމުންގެ ތެރޭގައި އަޑުތައް ފެތުރިފައި އޮތް ނަމަވެސް މި ދުވަސްވަރު ވަގު ނޫޓެއް ދައުރު ނުވާ ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޔަގީންކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް އާންމުންގެ ތެރޭގައި އަޑުތައް ފެތުރިފައި އޮތް ނަމަވެސް މި ދުވަސްވަރު ވަގު ނޫޓެއް ދައުރު ނުވާ ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޔަގީންކޮށްދީފި އެވެ.

މަރުކަޒީ ބޭންކްގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ 500ރ.ގެ ނޫޓު އެމްއެމްއޭގެ އިދާރާ އަށް ގެންގޮސް ބެލި ބެލުމުން އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީން ކޮށްފައިވާ ކަމަށެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި އެ ނޫޓުގައި ކޮންމެވެސް ވަރަކަށް ކުލައެއް ޖެހިފައި ހުރިކަން މަރުކަޒީ ބޭންކަށް ވެސް ވަނީ ފާހަގަވެފަ އެވެ.

"އެ ނޫޓުގައި ޖެހިފައި ހުރި ކުލަ ފިލުވަން ކެމިކަލެއް ބޭނުން ކުރުމުގެ ސަބަބުން ނޫޓުގެ ކުލަ ފަނޑުވެފައިވާ ކަން ފާހަގަކުރެވުނު. އެކަމަކު އެ ނޫޓަކީ ސައްހަ ނޫޓެއް،" އޭނާ ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރާ ނަގުދު ފައިސާގެ ނޫޓަކާ މެދު އެއްވެސް ކަހަލަ ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ އިދާރާ އަށް އެންގުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް"ގެ ނަމުގައި 2015 ވަނަ އަހަރު އާ ނޫޓު ސީރީޒް ތައާރަފް ކުރި އެވެ. ފޮލިމާ ކަރުދާހުގައި ހަދާފައިވާ އާ ނޫޓް ސީރީޒް ގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1000ރ. ގެ ނޫޓެވެ.