Roadha Mihaaru
ދިވެހި ރުފިޔާގެ ނިޝާނެއް ހަދަން މުބާރާތެއް ބާއްވަނީ

ދިވެހި ރުފިޔާ އަށް ނިޝާނެއް ހަދަން ނިންމައި މުބާރާތެއް ބާއްވަނީ

24 ޖެނުއަރީ 2021

ދިވެހި ރުފިޔާ އަށް ނިޝާނެއް ހަދަން ނިންމައި، އެކަމަށް ހާއްސަކޮށްގެން މުބާރާތެއް ބާއްވަން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި ރުފިޔާ އަށް ނިޝާނެއް ހަދަން ނިންމައި، އެކަމަށް ހާއްސަކޮށްގެން މުބާރާތެއް ބާއްވަން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރުފިޔާގެ ނިޝާން ފަރުމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަކަށް 20،000ރ.ގެ އިނާމަކަށް ދޭން ވަނީ ނިންމައިފަ އެވެ.

މިއީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ.

އެމްއެމްއޭ އިން ބުނީ ރުފިޔާ އަށް ނިޝާނެއް ހެދުމަކީ ވަރަށް ތާރީޚީ ކަމަށް ވާތީ މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.

ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމާ ގުޅޭ ތަފްސީލު

ރުފިޔާ ނިޝާނުގެ ފަރުމާއަކަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް އެވެ. ފަރުމާކޮށްފައިވާ ނިޝާނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒު ކޮށްދޭން ވާނެ އެވެ.

ޕްރޮޕޯސަލްއާ އެކު ފައިނަލް ޑިޒައިންގެ ފޮންޓް ސައިޒް 500، 400 ،300 ،200، 100 ،80 ،40 ،20 ،10 އަދި 5 ޕޮއިންޓް ގައި ހުށަހަޅަން ޖެހެ އެވެ. ހުށަހަޅާ ޑިޒައިން ހުންނަންވާނީ ކޮމްޕިއުޓަރު ކީބޯޑުތަކުގައި ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ. އަދި އެކި ސްޓައިލްތަކުގެފޮންޓާ އެކު ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެވޭނެ ނިޝާނަކަށް ވާންވާނެ އެވެ.

ދިވެހި ފައިސާ ކަމަށްވާ ރުފިޔާ އަށް ވަކި ނިޝާނެއް މިހާތަނަކަށް ނޯވެ އެވެ. ނަމަވެސް ދިވެހިން ލިޔާއިރު ފައިސާގެ އަދަދުގެ ފަހަރަށް "ރ" އެއް ބޭނުންކުރެ އެވެ. ނަމަވެސް އެއީ ރުފިޔާގެ ރަސްމީ ނިޝާނެއްގެ ގޮތުގައެއް ނޫނެވެ.