Roadha Mihaaru
ޔޯގާ ހަމަނުޖެހުމުގައި ފުލުހުންނަށް ތުހުމަތުގެ އިނގިލި!

ޔޯގާ ހަމަނުޖެހުން: އެމްއެންޕީގެ ހިތްހަމަނުޖެހުން ފުލުހުންނަށް!

22 ޖޫން 2022

ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ޔޯގާގެ ހަރަކާތުގެ ތެރެއަށް ވަދެގަނެ ތަކެތި އުކާލައި ހަމަނުޖެހުން ހިންގައި، މީހުންނަށް ބިރުދައްކައި އިންޒާރު ދޭން ފުރުސަތު ލިބުނީ އެ ކަމުގައި ފުލުހުންގެ އިހުމާލު އޮވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އިއްޔެ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ޔޯގާގެ ހަރަކާތުގެ ތެރެއަށް ވަދެގަނެ ތަކެތި އުކާލައި ހަމަނުޖެހުން ހިންގައި، މީހުންނަށް ބިރުދައްކައި އިންޒާރު ދޭން ފުރުސަތު ލިބުނީ އެ ކަމުގައި ފުލުހުންގެ އިހުމާލު އޮވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އިއްޔެ ބުނެފި އެވެ.

އެ ހަމަނުޖެހުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ، ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރުގެ ޑިޕްލޮމޭޓުން ތިއްބައި އެ ތަނުގެ ތެރެއަށް ގަދަކަމުން ވަދެގަތުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރެވުނީ އެތަނުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ކަމަށް ބުންޏެވެ.

"މިފަދަ ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް އަންދާޒާކުރެވޭނެ ފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މި އިވެންޓް ކުރިއަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރު ވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައި ނެތްކަން ފާހަގަކުރެވެ އެވެ،" ބަޔާނުގައިވެ އެވެ.

އެމްއެންޕީން އެ ކަންބޮޑުވުންފާޅުކޮށްފައިވާ އިރު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގުނީ ފުލުހުން އެ ފުރުސަތު ދިނުމުން ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ދަނީ ފާޑުކިޔަމުންނެވެ. އެއްވުމަށް ދިދަތައް އެ އޮފީހުން ނެރުނަސް އެއީ އެ ޕާޓީއާ ގުޅުމެއް އޮތް އެއްވުމެއް ނޫން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

އެމްއެންޕީން ބުނިގޮތުގައި، އެފަދަ ހަރަކާތެއް ބާއްވަން ސަރުކާރުން ނިންމީ އާއްމުންގެ ކަންބޮޑުވުމަށް ވެސް ނުބަލަ އެވެ. އާއްމުންގެ ސަލާމަތާ ގުޅޭ އެފަދަ ކަންކަމުގައި ސަރުކާރުން ވެސް އެ އަށް ވުރެ ޒިންމާދާރުވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީން ގޮވާލީ އެފަދަ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާތަކަށް ދުރާލައި ތައްޔާރުވެ ތިބެ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ގައުމުގައި ސުލްހަވެރިކަން ދެމެހެއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަން ވެސް ގޮވާލާފައިވެ އެވެ.

ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެމްއެންޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލަން ވެސް އެމްއެންޕީން ގޮވައިލި އެވެ.

ޔޯގާ އިވެންޓް ރަސްފަންނުގައި ނުބޭއްވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އެންގުމާ އެކު ގަލޮޅު ދަނޑުގައި ބާއްވަން ނިންމުމުން އެކަން ހުއްޓާލަން ބަޔަކު ސޯޝަލް މީޑިއާގައި ދިޔައީ އަޑުއުފުލަމުންނެވެ. ޔޯގާ ހަރަކާތް، ދަނޑުގައި ފެށިއިރު ބަޔަކު ތިބީ އެ ސަރަހައްދަށް އެއްވެ އެވެ.

ބެރިކޭޑް ޖަހައި އެ މީހުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ތިބުމުން ފުރަތަމަ ތިބީ އަޑު އުފުލަން އެ ސަރަހައްދުގަ އެވެ. ދީނީ ޝިއާރުތައް ގޮވަމުން ދަނޑުތެރެއަށް ވަދެ ގަނެ، ހަމަނުޖެހުން ހިންގީ އެވެ. އެތަނަށް ވަން މީހުން ވަނީ އެ އިވެންޓަށް ސައި ހަދާފައި ވަނިކޮށް އެތަންމިތަނަށް ކާއެއްޗެހި ވެސް އުކާލައިފަ އެވެ. އޭރު ޔޯގާ މެޓު މަތީގައި ތިބި މީހުން ބިރުން ދުވެފައިވާ ދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

"މި ތަނުން ނުކުމޭ"، "ﷲ އަކްބަރު" ގޮވަމުން އެ މީހުން ވަނީ ޔޯގާ ހަދަން ތިބި ބައެއް މީހުންގެ ކައިރި އަށް ގޮސް އިންޒާރު ވެސް ދީފަ އެވެ.

ދަނޑަށް ވަދެގަތް މީހުން މައިތިރިކުރީ ފުލުހުން ގޮސް ޓިއާ ގޭސް ޖަހައިގެންނެވެ. ނަމަވެސް ދަނޑަށް ވަން މީހުން ވަދެގަތް ގަޑީގައި އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. ދަނޑަށް ވަން މީހުން ހުއްޓުވަން ފުލުހުންގެ ފައުޖެއް ދިޔައީ ފަހުންނެވެ.