Roadha Mihaaru
ފޭދޫފިނޮޅު ދިނުމުން އިންޑިއާ ކަންބޮޑުވެއްޖެ

ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ދިނުމުން އިންޑިއާ ކަންބޮޑުވެއްޖެ

02 ޖެނުއަރީ 2017

ކ. ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާ އިން ކަންބޮޑުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކ. ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާ އިން ކަންބޮޑުވެއްޖެ އެވެ.

ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އިންޑިއާގެ ބައެއް ބޭފުޅުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން މިއަދު ބުނީ ރާއްޖޭގެ ވެރިރަށް މާާލެ އާއި މައި އެއާޕޯޓާ އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތުތަކަށް އަސަރުކޮށްފާނެ ކަމަށެވެ.

"ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އަންނަ މަހު އިންޑިއާ އަށް ކުރައްވާ ދަތުރުގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރަށްތައް ވިއްކާލުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ބެެލެވެ އެވެ،" އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބޭނުންތަކަށް ދީފައި އޮތް ފޭދޫފިނޮޅު، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ. އެކަމަކު، އެ ކުންފުނީގެ ނަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ފޭދޫފިނޮޅު ދެނީ ޓޫރިޒަމްގެ މަސައްކަތަށެވެ. އެހެންކަމުން އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތަށް އެކަމުން ބުރޫއަރަން ޖެހެނީ ކީއްވެގެން ކަމެއް، އޮފިޝަލުން ވިދާޅުވެފައެއް ނުވެ އެވެ. އިންޑިއާގެ ބައެއް ކުންފުނިތަކުން ވެސް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށާއި އެހެން ކަންކަމަށް ގެންދަނީ އިންވެސްޓްކުރަމުންނެވެ.

ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހު ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަަން އޭރު އިއުލާނު ކުރީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.

ފޭދޫފިނޮޅު ވިއްކާލީ ނުއަގުގައި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ގޮތުން، ބޮޑަށް ހުޅުވާލި ނަމަ، އެ ރަށް އެންމެ ކުޑަކޮށް ވެސް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އަށް ވިއްކާލެވޭނެ ކަމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.

މާލެ އަދި އެއާޕޯޓާ ވެސް އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ބަޔަކަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވެފައިވާ އިރު، ވާދަވެރި ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރަމުން ދާ މައްސަލަ އިންޑިއާގެ އެކި ފަރާތްތަކުން ވަނީ ކުރިން ވެސް ޖައްސައިފަ އެވެ. ހާއްސަކޮށް، ޗައިނާ އިން ލޯނު ނަގައިގެން ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނާތީ އެވެ.

އެކަމަކު އިންޑިއާގެ އަނެއް ބަޔަކު ބުނާ ގޮތުގައި ރާއްޖެ ކަހަލަ ގައުމުތަކަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ވެސް ނޯވެވޭނެ އެވެ. އަދި އިންޑިއާ އިން އެހީ ދޭނެ އިރަކަށް ކުރާ އިންތިޒާރު ދިގުނުކުރެވޭނެ ކަމަށް ވެސް، ބައިނަލްއަގުވާމީ ދާއިރާާގެ މައްސަލަތަކާ ބެހޭ ބައެއް ތަޖުރިބާކާރުުން ބުނެ އެވެ.