Roadha Mihaaru
އުދައިގައި 9 ރަށެއްގެ 96 ގެއަކަށް ބޮޑެތި ގެއްލުން!

އުދައިގެ ސަބަބުން ނުވަ ރަށެއްގެ 96 ގެ އަކަށް ބޮޑެތި ގެއްލުންތަކެއް!

25 ޖުލައި 2022

މި މަހު ރާއްޖޭގެ މޫސުން ގޯސްވެ، ފެންބޮޑުވުމާއި ވައިގަދަވެ އަދި އުދައެރުމުގެ ހާދިސާގައި، ނުވަ ރަށެއްގެ 96 ގެއެއްގައި ދިރިއުޅޭ މީހުންގެ ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ފަދަ ގެއްލުންތަކެއް ވެފައިވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މި މަހު ރާއްޖޭގެ މޫސުން ގޯސްވެ، ފެންބޮޑުވުމާއި ވައިގަދަވެ އަދި އުދައެރުމުގެ ހާދިސާގައި، ނުވަ ރަށެއްގެ 96 ގެއެއްގައި ދިރިއުޅޭ މީހުންގެ ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ފަދަ ގެއްލުންތަކެއް ވެފައިވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން އެއްކުރި މައުލޫމާތުގެ އަލީގައި ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް އެކި ވަރުގެ ގެއްލުންތައް ވެގެން ނުވަ ރަށަކުން '261 ޑެމޭޖް އެސެސްމެންޓް ފޯމު' ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ފޯމު ލިބުނީ އެންޑީއެމްއޭ އިން ބުނިގޮތުގައި ގދ. ހޯނޑެއްދޫންނެވެ. އެ ރަށުގެ 82 ގެ އަކުން ފޯމު ހުށަހެޅި އެވެ. ގދ. މަޑަވެލިން 67 ތ. ތިމަރަފުށިން 61 ފޯމު ލިބިފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. ލިބިފައިވާ ގެއްލުންތަކާ ގުޅިގެން ދެން އެންޑީއެމްއޭ އަށް ފޯމު ހުށަހެޅީ ހދ. ވައިކަރަދޫ، ށ. ބިލެއްފަހި، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ ސ. މަރަދޫ އަދި ސ. މަރަދޫފޭދޫންނެވެ.

އެންޑީއެމްއޭ އިން ބުނީ، މި ފަހަރުގެ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް ކަމަށެވެ. އެ ގޮތުން ހަތަރު ރަށެއްގެ 110 ގޭބީސީއަކުން ބަލަހައްޓާ ދަނޑުތަކަށް ގެއްލުން ވެފައިވާ ކަމަށް އެސެސްމެންޓް ފޯމުތަކުން ދައްކާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ގދ. ފިޔޯރީ އަށް އުދައަރައި މަގެއްގައި ލޮނުގަނޑު ހެދިފައި -- ފޮޓޯ: އާސިފް | ފޭސްބުކް

ގދ. ފިޔޯރީ އަށް އުދައަރައި މަގެއްގައި ލޮނުގަނޑު ހެދިފައި -- ފޮޓޯ: އާސިފް | ފޭސްބުކް

ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި އާމްދަނީ ހޯދަން ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބުގަސް މަރުވުން ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. ދަނޑުބިންތަކަށް ގެއްލުން ވެގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ތިމަރަފުށި، މަޑަވެލި އަދި ހޯނޑެެއްދޫންނެވެ.

ވިއްސާރައާ ގުޅިގެން، ވިޔަފާރި އާއި ސަރުކާރު އިމާރާތްތަކާއި އިޖުތިމާއީ އިމާރާތް ފަދަ އެހެނިހެން ތަންތަނަށް ލިބިފައިވާ ގެއްލުންތައް އެންޑީއެމްއޭ އިން ފާހަގަކުރެ އެވެ.

އެ އިދާރާ އިން ބުނީ، ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން 'ޑެމޭޖް އެސެސްމެންޓް ފޯމު' ތަކުގެ މައުލޫމާތު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް، ކާރިސާތަކުގައި އިންސާނީ އެހީީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން އެހީ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ބައެއް ރަށްރަށުގެ ގެ ތަކަށް ގެއްލުންވެ ކައުންސިލުން ވަނީ ވަގުތީ ހިޔާ ވެސް ފޯރުކޮށްދީފަ އެވެ. އަދި ބައެއް މީހުން ވަނީ އަމިއްލަ ގޭގައި ނޫޅެވިގެން، އާއިލީ ގެތަކަށް ބަދަލުވެފަ އެވެ.