Roadha Mihaaru
ފަސް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

މޫސުން ގޯސް ފަސް ދުވަހަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

01 އޮކްޓޯބަރ 2022

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މުދަލާއި ގެދޮރަށް ލިބޭނެ ގެއްލުމުން ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މުދަލާއި ގެދޮރަށް ލިބޭނެ ގެއްލުމުން ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެ އެވެ.

އެންޑީއެމްއޭ އިން ނެރުނު އެންގުމެއްގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން މައުލޫމާތުދޭ ކަމަށެވެ.

އެހެންވެ އާންމުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.

ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

- ގެއަށް ފެން ނުވަންނާނެހެން ގޭ ދޮރުމަތީގައި ވެލިބަސްތާ ޖެހުން.

- ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ، ގެއްލުންވާނެ މުދާތައް ފެން ނުޖެހޭ އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުން.

- ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭ ނަމަ، ވާ ކަހަލަ އެއްޗެއް ބޭނުންކޮށްގެން އެއްސުން.

- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ކަމަށް ބެލެވޭ ތަކެތި ބަނދެ ރައްކާތެރިކުރުން.

- ބޭނުންނުކުރާ ނަމަ، ކަރަންޓުން ބޭނުންކުރާ ސާމާނު ނިއްވާލާފައި ބެހެއްޓުން.

- ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބަލައިގެން ދަތުރުކުރުން. [ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުުރުން.]

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް އޮތީ ވަރަށް ބަނަކޮށެވެ.

މެޓް އޮފީހުން ބުނީ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރު މިނުގަ އެވެ. އެކަމަކު ވިލާގަނޑުގައި 40 މޭލަށް ވައިބާރުވާނެ ކަމަށް ލަފާކުރެ އެވެ.

ކަނޑު ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރާއިރު ރާޅުގެ އުސްމިން އުޅޭނީ 4-7 ފޫޓުގަ އެވެ.