Roadha Mihaaru
އީރާންގެ ބުރުގާ ގާނޫނު މުރާޖައާ ކުރަނީ

އީރާންގެ ބުރުގާ ގާނޫނު މުރާޖައާ ކުރަނީ

05 ޑިސެމްބަރ 2022

މުޅި އީރާނަށް ފެތުރިފައިވާ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވަނިކޮށް، އެގައުމުގައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން ނިންމައިފި އެވެ.

މުޅި އީރާނަށް ފެތުރިފައިވާ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވަނިކޮށް، އެގައުމުގައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން ނިންމައިފި އެވެ.

އީރާންގެ ބަންޑާރަ ނާއިބު މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވި ގޮތުގައި އެ ގައުމުގައި އުފައްދާފައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް ފުލުހުންގެ އެ ޔުނިޓް ދާއިމީ ގޮތެއްގައި އުވައިލީ ކަމަކަށް އޭނާ ވިދާޅެއްނުވެ އެވެ.

މުންތަޒިރީ ވިދާޅުވި ގޮތުގައި ބުރުގާގެ މައްސަލައިގައި ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިޔަސް، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު އުވައިލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ނަމަވެސް އީރާންގެ ގާނޫނު ހަދާ މަޖިލީހުންނާއި އެ ގައުމުގެ ޝަރުއީ ދާއިރާ އިން، އެ ގާނޫނު އަލުން މުރާޖައާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ތަންތަނުގައި އުޅޭ އިރު ބުރުގާ އަޅަންވީ ގޮތުގެ ގާނޫނެއް އުފައްދައި އެ ގައުމުގައި އަމަލުކުރަން ފެށީ، 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިސްލާމީ އިންގިލާބަށް ފަހުގަ އެވެ. މި ގާނޫނުގައި ހުރި ކަންކަމުގެ ތެރެއިން، ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވަނީ، އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް އަންހެނުން ބުރުގާ އެޅުން މަޖުބޫރުކުރާ މާއްދާތަކާ މެދުގަ އެވެ.

އާންމު ތަންތަނަށް އަންހެނުން ނުކުމެ އުޅެނީ، ގާނޫނުގައި ބުނާ މިންގަނޑަށް ބުރުގާ އަޅައިގެންތޯ ބެލުމަށާއި، އެއާ ޚިލާފަށް ހެދުން އަޅައިގެން އުޅޭ އަންހެނުންނާ މެދު ފިޔަވަޅު އެޅުމަށް، އަޚްލާގީ ފުލުހުންގެ ނަމުގައި، ފުލުހުންގެ ވަކި އިދާރާއެއް އުފައްދާފައި އޮވެ އެވެ. މަގުމަތީގައި ހަރަކާތްތެރިވާ އަޚްލާގީ ފުލުހުންގެ އުޅަނދުތައް ހުންނަނީ ފެހި ކުލައިން ފާހަގަކޮށްފަ އެވެ.

އެ ފުލުހުންގެ ޒިންމާއަކީ، އާންމު ތަންތަނުގައި އުޅޭ އަންހެނުން ގާނޫނުގައި ބުނާ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅޭ ނަމަ، އެމީހުންނަށް ނަސޭހަތްދީ އެކަން ރަނގަޅު ކުރުމަށް އެންގުމެވެ. ނުވަތަ މަގުމަތިން ހައްޔަރުކޮށްގެން ގެންގޮސް، "އަލުން އުނގަންނައިދޭ މަރުކަޒު" ގައި ވަކި މުއްދަތަކަށް ބަންދުކޮށްފައި ބެހެއްޓުމެވެ.

އީރާންގެ އާންމުން ބުނާ ގޮތުގައި، އަޚްލާގީ ފުލުހުންގެ އުޅަނދުތައް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވެރިރަށް ތެހެރާނުގެ މަގުތަކުންނާއި އެހެން ސަހަރުތަކުން ވެސް ނުފެނެ އެވެ.

އީރާންގެ ސަރުކާރާ ދެކޮޅަށް އީރާންގައި މުޒާހަރާތައް ފެށުނީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާންގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްސާގެ މަރާ ގުޅިގެން އާންމުން ކުރަމުންދާ މުޒާހަރާތަކަކީ، މަދަނީ މިންގަނޑުން ވަޒަންކުރެވޭވަރުގެ އިހުތިޖާޖެއް ނޫން ކަމަށާއި، އެއީ ގައުމު ފަނާކުރުމުގެ ހަރަކާތްތަކެއް ކަމަށެވެ. މަދު ބަޔަކު ނުކުމެ މުޒާހަރާގެ ނަމުގައި ހިންގަނީ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތައް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އީރާންގެ މަދަނީ ޖަމިއްޔާތަކުން ބުނާ ގޮތުގައި މުޒާހަރާތަކަށް ނުކުމެ އުޅުނު ގިނަ ބަޔަކު މަރުވީ، މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިޒްރޭލުގެ ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުންނެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި އީރާންގެ ފުލުހުންވަނީ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ.

އީރާންގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް އެ ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، އެ ގައުމުގެ އިންގިލާބީ ލަޝްކަރުގެ އިސް ޖެނެރަލެއް ކަމަށްވާ އަމީރް އަލީ ހާޖީޒާދާ މީގެ ދެ ދުވަސް ކުރިން ވަނީ ވިދާޅުވެފަ އެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވިލާތުގެ ގައުމުތަކުން ބުނާ ގޮތުގައި، އީރާންގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.