Roadha Mihaaru
ބަޔާން ދޭނެ މީހަކު ނުވެ މައުލޫއު ފުޅާކޮށްފި

ތިނަދޫން މީހުން ބޭލި މައްސަލާގައި ބަޔާން ދޭނެ ބަޔަކު ނުވެގެން މައުލޫއު ފުޅާކޮށްފި

09 އޯގަސްޓް 2022

ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ގައި ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅިގެން މާލޭގައި ބާއްވަން އުޅުނު އަޑުއެހުންތަކަށް ބަޔާން ދޭނެ މީހުން ނުވެ، އެތައް ދުވަހެއް ފާއިތުވަމުންދާތީ، އެ ހާދިސާގެ ހަގީގަތް ހޯދުމަށް ފުރުސަތު ދިނުމަށް އާންމުން އަޑުއެހުންތައް އަމާޒުކުރާނެ ދާއިރާ އަށް ބަދަލުގެނެސްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ގައި ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅިގެން މާލޭގައި ބާއްވަން އުޅުނު އަޑުއެހުންތަކަށް ބަޔާން ދޭނެ މީހުން ނުވެ، އެތައް ދުވަހެއް ފާއިތުވަމުންދާތީ، އެ ހާދިސާގެ ހަގީގަތް ހޯދުމަށް ފުރުސަތު ދިނުމަށް އާންމުން އަޑުއެހުންތައް އަމާޒުކުރާނެ ދާއިރާ އަށް ބަދަލުގެނެސްފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން އެ މައްސަލައިގެ އަޑުއެހުންތައް ފެށީ މި އަހަރުގެ މާޗު މަހުގެ 19 ގައި ތިނަދޫގަ އެވެ. އެ ރަށުގެ ބައެއް ދުވަސްވީ މީހުން ވަނީ ސަރުކާރުގެ ވަފުދަކާ އެކު ނާސިރު، ތިނަދު އަށް ވަޑައިގެން އެ ރަށު މީހުންނާ މެދު އަމަލުކުރި ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް އެ އަޑުއެހުންތަކުގައި ކިޔައިދީފަ އެވެ. ބަޔާން ދީފައިވާ މީހުންނަކީ އެ ހާދިސާ ހިނގިއިރު ކުޑަކުދިންނެވެ.

ތިނަދޫގައި ލައިވްކޮށް ބޭއްވި އެ އަޑުއެހުންތަކުގައި ވަނީ އެ މީހުންގެ މައިންބަފައިންނާއި ގެދޮރަށް ދިން ގެއްލުމުގެ ވާހަކަތަކަށް ރޮމުން ކިޔައިދީފަ އެވެ.

ތިނަދޫގައި ބޭއްވި އަޑުއެހުންތަކަށް ފަހު މާލޭގައި މާޗު 27 ގައި ބަޔާން ނަގަން ނިންމިޔަސް އަޑުއެހުންތައް އޭރު ފަސްކުރަން ޖެހުނީ ބަޔާން ދޭނެ މީހުން ނުވެގެންނެވެ.

އޭގެ ހަތަރު މަސް ފަހުން، މިއަދު އެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ ތިނަދޫން މީހުން ބޭލި ހާދިސާގެ ހަގީގަތް ހޯދުމަށް އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޕަބްލިކް ހިއަރިން އަމާޒުކުރާނެ ދާއިރާއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މާލޭގައި ބާއްވާ އަޑުއެހުމުގެ މައުލޫއުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "1962 ވަނަ އަހަރު ތިނަދޫން މީހުން ބޭލި ހާދިސާގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައި ހުރި ކަންކަން ދެނެގަތުމާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އެކަންކަމުގެ ހަގީގަތް ހޯދުން" ކަމަށެވެ.

އެ އޮފީހުން ބުނީ އަޑުއެހުމަށް ބަޔާން ދިނުމަށް ނަން ނޯޓުކުރުމަށް ކުރިން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް ނަން ނޯޓުކޮށްފައިނުވާ ކަމަށެވެ. އެެހެންވެ، މިހާރު ފުޅާކުރެވިފައިވާ މައުލޫއު އަށް އަމާޒުކޮށްގެން ބާއްވާ އަޑުއެހުންތަކަށް ބަޔާން ދޭން ބޭނުންވާ މީހުން މިމަހުގެ 31 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، އެ އޮފީހަށް ގުޅައި އެކަން ހިއްސާކުރުމަށް ވެސް އެދިފައިވެ އެވެ.

ތިނަދޫން މީހުން ބޭލުވި މައްސަލަ މި ސަރުކާރުން ބަލަމުން އަންނައިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެ މައްސަލަ ބެލި އެވެ.

އަލުން މި ސަރުކާރުން މައްސަލަ ބަލަން ފަށާފައި ވަނީ މީގެ ދެ އަހަރުކުރިން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ތިނަދޫ ކައުންސިލުން އެ މައްސަލަ ބަލަން އެދިގެންނެވެ. އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ.