Roadha Mihaaru
ތިނަދޫ މައްސަލައިގެ އަޑުއެހުން އާންމުކޮށް ހުޅުވާލަނީ

ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ބާއްވާނީ އާންމުކޮށް ހުޅުވާލައިގެން

02 ފެބުރުއަރީ 2022

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު، ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލާގައި އާންމުންނަށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވަން އެ އޮފީހުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު، ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލާގައި އާންމުންނަށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވަން އެ އޮފީހުން ނިންމައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ އާންމުންނަށް ހުޅުވާލައިގެން މި މައްސަލައިގެ އަޑުއެހުންތައް ބާއްވަނީ، މައްސަލައިގައި ހިންގާފާއިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. މި އަޑުއެހުންތަކުގައި ބަޔާން ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދޭން ވަނީ ނިންމައިފަ އެވެ.

އާންމުކޮށް ހުޅުވާނުލައި އަޑުއެހުންތައް ބާއްވަން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް ދޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ޕަބްލިކް ހިއަރިންތައް ބާއްވާ ފުރަތަމަ ފަހަރު

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމަށް ޕަބްލިކް ހިއަރިން ނުވަތަ އާންމުންނަށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވަން ގާނޫނުން އެ އޮފީހަށް ބާރު ދީފައިވެ އެވެ. އެ ބާރުގެ ދަށުން އެ އޮފީހުން ޕަބްލިކް ހިއަރިންތަކެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

މި މައްސަލައިގެ އަޑުއެހުންތައް ތިނަދު އާއި މާލޭގައި ވެސް ބާއްވަން ނިންމާފައިވެ އެވެ. ތިނަދޫގައި ބާއްވާ އަޑުއެހުންތައް އޮންނަނީ އަންނަ މަހު ތިނަކުން ފަހަކަށެވެ. އަދި މާލޭގައި ބާއްވާ އަޑުއެހުންތައް އޮންނަނީ އަންނަ މަހު 18 އާއި 19 ގަ އެވެ.

މި އަޑުއެހުންތަކުގައި ބަޔާން ދޭން ބޭނުންވާ މީހުން މި މަހު 15 ގެ ކުރިން ނަން ނޯޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މީގެ ދެ އަހަރު ކުރިން ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.

މައްސަލަ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެ އޮފީހަށް 487 މައްސަލައެއް ހުށަހެޅިއިރު، އޭގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކެވެ.

އެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މީޑިއާއާ ހަމަ އަށް ތިލަވި، ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދުމާއި އއ. ކުރަމަތިން މީހުން ބަދަލުކުރުމާއި ސަލާމަތީ ބާރުތަކުން ޓީވީއެމަށް ވަނުމާއި އަދި ފެބްރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވުމާ ގުޅޭ އިތުރު މައްސަލަތައް ހިމެނެ އެވެ.