Roadha Mihaaru
ހަ ދުވަސްތެރޭ ގައުމީ ރިލޭ ޓީމަށް ދެވަނަ ރެކޯޑް

ހަ ދުވަސްތެރޭ ގައުމީ އަންހެން ރިލޭ ޓީމަށް ދެވަނަ ރެކޯޑް

12 އޯގަސްޓް 2022

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން 4 ގުނަ 100 މީޓަރުގެ ގައުމީ ރެކޯޑް ހަ ދުވަސްތެރޭ މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން 4 ގުނަ 100 މީޓަރުގެ ގައުމީ ރެކޯޑް ހަ ދުވަސްތެރޭ މުގުރާލައިފި އެވެ.

މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އައިމިނަތު ލަޔާނާ މުހައްމަދު ހިމެނު ޓީމުން ވަނީ ނިމިދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް ގައުމީ ރެކޯޑް މުގުރައިލައިފަ އެވެ.

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީމުން ރޭސް ނިންމީ 48.21 ސިކުންތުންނެވެ. މިދިޔަ އާދިއްތަ ދުވަހު ކޮމަންވެލްތު ގޭމްސްގައި ރިލޭ ޓީމުން ރޭސް ނިންމީ 49.19 ސިކުންތުންނެވެ.

އޭގެ ކުރިން މި ރެކޯޑް އޮތީ ނާޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރިލޭ ޓީމު އަތުގަ އެވެ. އެ ޓީމުގައި އަލްހާ، ހިމްނާ އަދި ރިފާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ހިމެނެނީ ސަރާ މަސްއޫދެވެ.

އޭގެ ކުރިން އެ ރެކޯޑް އޮންނަނީ އިންޑިއާގައި 2016 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރި ޓީމު އަތުގަ އެވެ. އަފާ އިސްމާއީލް، އައިމިނަތު ނަޒްރާ، ޝަމްހާ އަހުމަދު އަދި މިރުފަތު އަހުމަދު ހިމެނުނު ޓީމުން ރޭސް ނިންމީ 51.32 ސިކުންތުންނެވެ.

ސޮލިޑާރިޓީ ގޭމްސްގެ ފައިނަލުގައި ވާދަކޮށް އެއްވަނަ ހޯދީ ގެމްބިއާގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 43.83 ސިކުންތުންނެވެ. ދެވަނަ ހޯދީ ބަހުރެއިން އެވެ. އެ ޓީމުން ރޭސް ނިންމީ 44.11 ސިކުންތުންނެވެ. ތިންވަނަ ހޯދި ތުރުކީގެ ޓީމުން ރޭސް ނިންމީ 44.49 ސިކުންތުންނެވެ.

ރިލޭ ޓީމުގެ ހިމްނާ މިހާރު ވަނީ ރާއްޖޭގެ ސްޕްރިންޓްގެ ހުރިހާ ރެކޯޑެއް ހަދައިފަ އެވެ. ކޮމަންވެލްތު ގޭމްސްގައި އޭނާ ވަނީ 100 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައި 21 އަހަރު ވަންދެން މުގުރާ ނުލެވި އޮތް ރެކޯޑް ވެސް ހަދައިފަ އެވެ. ހިމްނާގެ ކުރިން އެ ރެކޯޑް އޮތީ 2001 ގައި ރެކޯޑް ހެދި ޝަމްހާ އަހުމަދު އަތުގަ އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިދިޔަ ބުދަ ދުވަހު ހިމްނާ ވަނީ 200 މީޓަރުގެ ގައުމީ ރެކޯޑް ހަދައިފަ އެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ 2016 ގެ އޮލިމްޕިކް ގޭމްސްގައި ރެކޯޑް ހެދި އަފާ އިސްމާއީލް އަތުގަ އެވެ.

ރާއްޖޭގެ އަންޙެނުންގެ 400 މީޓަރުގެ ރެކޯޑް ހިމްނާ ވަނީ ފަސް ފަހަރަށް މުގުރާލައިފަ އެވެ.