Roadha Mihaaru
ދެއަހަރުގެ ތަމްރީނަށް ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް

ދެ އަހަރުގެ ތަމްރީންތަކަށް ހިމްނާ އާއި އިބާދުﷲ ޖެމެއިކާ އަށް ފުރައިފި

02 އޮކްޓޯބަރ 2022

ދެ އަހަރުގެ ތަމްރީން ސްކޮލާޝިޕެއްގައި ރާއްޖޭގެ ސްޕްރިންޓްގެ އެންމެ އުންމީދީ ދެ ދުވުންތެރިން ކަމަށްވާ، އައިޝަތު ހިމްނާ ހަސަން އާއި އިބާދުﷲ އާދަމް ޖެމެއިކާ އަށް ފުރައިފި އެވެ.

ދެ އަހަރުގެ ތަމްރީން ސްކޮލާޝިޕެއްގައި ރާއްޖޭގެ ސްޕްރިންޓްގެ އެންމެ އުންމީދީ ދެ ދުވުންތެރިން ކަމަށްވާ، އައިޝަތު ހިމްނާ ހަސަން އާއި އިބާދުﷲ އާދަމް ޖެމެއިކާ އަށް ފުރައިފި އެވެ.

ދެ ދުވުންތެރިންގެ ވެސް ޓާގެޓް އޮތީ 2024 ގައި ފްރާންސްގެ ޕެރިހުގައި ބޭއްވާ، އޮލިމްޕިކް ގޭމްސް އަށް ތައްޔާރުވުމެވެ. ހިމްނާ އަށް ތަމްރީން ސްކޮލާޝިޕް ހަމަޖެހުނީ އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލް މެދުވެރިކޮށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުންނެވެ. އިބާދުﷲ އަށް ތަމްރީން ސްކޮލާޝިޕް ހޯދައި ދިނީ ސްޕޯޓްސް މިނިސްޓްރީންނެވެ.

ހިމްނާ އަކީ ރާއްޖޭގެ މިވަގުތު ހުރި ސްޕްރިންޓްގެ އެއްވަނަ އަންހެން ދުވުންތެރިޔާ އެވެ. ސްޕްރިންޓްގެ ހުރިހާ ރެކޯޑެއް ހިމްނާ ވަނީ ހަދައިފަ އެވެ.

އޭނާގެ އަތުގައި ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ރެކޯޑް، 200 މީޓަރުގެ ރެކޯޑް، 400 މީޓަރުގެ ރެކޯޑް ވެސް އެބައޮތެވެ. އެޔާއެކު ސްޕްރިންޓްގެ އައުްޓްޑޯ ހުރިހާ ރެކެޑެއް އޮތް އޭނާ މިހާރު ވަނީ ހަދައިފަ އެވެ. އަދި ޓީމު އިވެންޓުން އަންހެނުންގެ 4 ގުނަ 100 މީޓަރުގެ ރެކޯޑްގައި ވެސް ހިމްނާގެ ހިއްސާ އެބައޮތެވެ. އޭގެ ތެރެއިން އޭނާގެ އެންމެ ހާއްސަ ރެކޯޑަކީ، 21 އަހަރު ވަންދެން މުގުރާނުލެވި އޮތް 100 މީޓަރުގެ ރެކޯޑެވެ. މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ހިމްނާ، 12.17 ސިކުންތުން މުގުރާލި ގައުމީ ރެކޯޑް ކުރިން އޮތީ ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު އަތުގަ އެވެ. ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.

އިބާދުﷲ އަކީ ރާއްޖޭގެ ސްޕްރިންޓްގައި ހަސަން ސާއިދު ނެގުމަށް ފަހު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އެވެ. ރޭސްތަކުގައި ސާއިދު އަށް އެންމެ ބޮޑު ޗެލެންޖެއް ވެސް ދެނީ އިބާދުﷲ އެވެ. އޯގަސްޓް މަހު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިބާދުﷲ ވަނީ 200 މީޓަރުން ސެމީ ފައިނަލަށް =ދަތުރު ކޮށްފަ އެވެ.

ޖެމެއިކާގައި، ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު ވެސް ވަނީ މީގެ ކުރިން ޓްރޭނިން ހަދައިފަ އެވެ. އެތުލެޓިކްސްގައި ދުނިޔޭގެ އެންމެ ކާމިޔާބު ގައުމަކީ ޖެމެއިކާ އެވެ. ސްޕްރިންޓްގެ ލެޖެންޑް މަޝްހޫރު އުސައިން ބޯލްޓް ނިސްބަތް ވަނީ އެ ގައުމަށެވެ.