Roadha Mihaaru
ކުޑަހިތި ވިއްކާތީ ނަޝީދުގެ ސިޓީފުޅެއް ޓޫރިޒަމަށް!

ކުޑަހިތި ވިއްކާތީ ނަޝީދުގެ ސިޓީފުޅެއް ޓޫރިޒަމަށް!

15 އޯގަސްޓް 2022

މާލެ އަތޮޅު ކުޑަހިތި ރިސޯޓް ވިއްކަން އެ ރިސޯޓްގެ އޯނަރުން ނިންމެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސިޓީފުޅެއް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުއްވައިފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލެ އަތޮޅު ކުޑަހިތި ރިސޯޓް ވިއްކަން އެ ރިސޯޓްގެ އޯނަރުން ނިންމެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސިޓީފުޅެއް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުއްވައިފި އެވެ.

މާލެ 25 ކިލޯމީޓަރު ދުރުގައި އޮތް އެ ރިސޯޓަކީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކު އަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށް ރިސޯޓަކަށް ހަދައިގެން އެންމެ ފުރަތަމަ ހިންގީ އަހުމަދު އިސްމާއިލް މަނިކާއި ނަޝީދުގެ ބައްޕާފުޅު ކެނެރީ އަބްދުއްސައްތާރުގެ ހިއްސާ އޮތް މަޝްހޫރު ސަފާރީ ޓުއާޒް އިންނެވެ.

އެކަމަކު ދެ ބޭފުޅުންގެ ތެރޭގައި އުފެދުނު މައްސަލަތަކެއްގައި 1992ގައި ސަފާރީ ޓުއާސް ރޫޅި، އެ ކުންފުނީގެ މުދާ ބެހި އިރު، 1994 ގައި ކުޑަހިތި ލިބިފައި ވަނީ އަހުމަދު އިސްމާއިލް މަނިކަށެވެ. އެ ރިސޯޓްގެ މިހާރުގެ ވެރިފަރާތަކީ، އަހުމަދު އިސްމާއިލް މަނިކާއި އޭނާގެ ހުރިހާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޝައިންޓްރީ އެވެ. އޭގެ ތެރޭގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެއްވެސް ރިސޯޓެއް ވިއްކޭނީ ޓޫރިޒަމް މިނިސްޓްރީ އަށް އެކަން އަންގައި އެއްވެސް މައްސަލައެއް ނެތް ނަމަ، އެކަމުގެ ހުއްދަ ލިބުމުންނެވެ. އޭގެ ކުރިން، ޝަކުވާއެއް އޮތްތޯ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާން ގެޒެޓްކުރެ އެވެ. އެ އިއުލާން ޓޫރިޒަމް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރީ މީގެ ފަސް ދުވަސް ކުރިންނެވެ.

ނަޝީދުގެ ސިޓީއެއް ޓޫރިޒަމް މިނިސްޓްރީ އަށް ލިބިފައިވާ ކަން އެކި ފަރާތްތަކުން "މިހާރު" އަށް ޔަގީންކޮށްދެއްވި އެވެ. އެކަމަކު، އެ ސިޓީގައި ހުރީ ކޮންކޮން ވާހަކަތަކެއް ކަމެއް އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސިޓީގައި ހުރި ކަންތައްތަކާ ބެހޭ ގޮތުން، ދެން ކަންކަން ކުރަންވީ ގޮތް އެ ފަރާތަކަށް އަންގަވާނެ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

މިކަމާ ބެހޭ ގޮތުން ނަޝީދު ވެސް އެއްޗެއް ވިދާޅެއް ނުވި އެވެ.

ސަންލޭންޑަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވަންދެން ކުއްޔަށް ދޫކޮށްފައި އޮތް ރިސޯޓްގެ އެގްރިމެންޓް 2018 ގައި ހަމަވުމުން، 2019 އިން ފެށިގެން ރިސޯޓް އޮންނަނީ ބަންދުކޮށްފަ އެވެ. އެކަމަކު އެ ރިސޯޓް އަލުން ހެދުމުގެ މަސައްކަތް ރިސޯޓްގެ އޯނަރު ގެންދެވީ ކުރައްވަމުންނެވެ.