Roadha Mihaaru
ޕްލެޓްފޯމް ނަގަނީ ގެއްލުން ކުޑަވާ ގޮތަށް: މިނިސްޓްރީ

ޕްލެޓްފޯމް ނެގުން ލަސްވަނީ ފަރަށް ގެއްލުން ކުޑަވާނެ ގޮތަށް އެ މަސައްކަތްކުރާތީ: މިނިސްޓްރީ

23 އޯގަސްޓް 2022

ވިލިމާލެ ފަރަށް އަރާފައިވާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ބޭނުންކުރާ ޕްލެޓްފޯމް ނެގުން ލަސްވެފައި ވަނީ އެ ފަރަށް ގެއްލުން ކުޑަވާނެ ގޮތަށް އެ މަސައްކަތްކުރަމުން އަންނާތީ ކަމަށް ޕްލޭނިން މިނިސްޓްރީ މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލެ ފަރަށް އަރާފައިވާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ބޭނުންކުރާ ޕްލެޓްފޯމް ނެގުން ލަސްވެފައި ވަނީ އެ ފަރަށް ގެއްލުން ކުޑަވާނެ ގޮތަށް އެ މަސައްކަތްކުރަމުން އަންނާތީ ކަމަށް ޕްލޭނިން މިނިސްޓްރީ މިއަދު ބުނެފި އެވެ.

އެ ޕްލެޓްފޯމް ވިލިމާލެ ފަރުމަތިން ނެގުން ލަސްވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ޕްލޭނިން މިނިސްޓްރީން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ މެނޭޖަރު މުހައްމަދު ޖިނާން ވަނީ އެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޖިނާން ވަނީ އެ މައްސަލަ ދިމާވި ގޮތް ވެސް ވަރަށް ތަފުސީލުކޮށް ކިޔައިދެއްވައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮޖެކްޓް މެނޭޖަރު އަހްމަދު ޖިނާން ނޫސްވެރިންނާ ވާހަކަދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި އިސްކަންދެނީ ފަރަށް ގެއްލުން ކުޑަވާނެ ގޮތަށް ޕްލެޓްފޯމް ނެގުމަށް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ވިލިމާލެ އިރުދެކުނު ފަރާތުގެ ފަރުމައްޗަށް އެ ޕްލެޓްފޯމް އެރީ، އެ ސަރަހައްދުގައި ކަނޑުއަޑީގައި ހަދަމުން އަންނަ ބްރިޖުގެ ތަނބެއްގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ. އެ ޕްލެޓްފޯމްގައި ހަތަރު އެންކާ ސްޕަޑް (ނަގިލި) ބޭނުންކުރާ ކަމަށާއި މައްސަލަ ދިމާވީ އެތަނުން އެކައްޗަށް ކަމަށް އޭނާ ބުންޏެވެ.

"ޕްލެޓްފޯމް އެ ސަރަހައްދަށް ގެންގޮސް މޮބިލައިޒްކުރުމުގެ މަސައްކަތް ކުރަނިކޮށް، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަދި އެ ވަގުތު އެތަނުގައި އޮއިވަރު ހުރި ގޮތުން ވިލިމާލެ ފަރުމައްޗަށް އެރީ،" އޭނާ ވިދާޅުވި އެވެ.

އެންމެ ބޮޑު އިސްކަމެެއްދިނީ ޕްލެޓްފޯމް ވިލިމާލެ ފަރުމަތީގެ އިތުރު ތަނަކަށް ނުދާނެހެން ދެ ޓަގު ބޯޓުގެ އެހީގައި އެ ސަރަހައްދުގައި ހިފެހެއްޓުމަށް ކަމަށާއި އެއަށް ފަހު ޓަގު ބޯޓެއްގައި އެހީގައި ޕްލެޓްފޯމް ޓޯކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕްރޮޖެކްޓްގެ މެނޭޖަރު ކަމަށްވާ (ކ-ވ) މަރިޔަމް ޔުމްނާ އާއި އަހްމަދު ޖިނާން އަދި އިބްރާހިމް އަލީ ޖަލީލް: ދެ ދުވަސް ތެރޭގައި އެ ޕްލެޓްފޯމް ނަގާނެ ކަމުގެ ޔަގީންކަން ދެއްވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ކޮންޓްރެކްޓާގެ ޑައިވިން ޓީމެއް އެތަނަށް ގޮސް ބެލީ، އޭގެ އެންކާ ސްޕަޑްތަކުގެ ކޮންޑިޝަން. ބެލިއިރުގައި އެތަނުން ތިން އެންކާ ސްޕޭޑް އެ ވަގުތު އޮތީ ފަރުމަތީގައި ޖެހިފައި. އަޅުގަނޑުމެންނަށް ބޮޑަށް ފާހަގަވީ އެތަނުން އެއް އެންކާ ސްޕަޑް ފަރުގެ ތެރެ އަށް ވަރަށް ބޮޑަށް ވަދެފައިވާކަން،" އޭނާ ވިދާޅުވި އެވެ.

"އެތަނުން އެ ސްޕަޑް ނުނަގާ ޕްލެޓްފޯމް ޓޯކޮށްފި ނަމަ، ފަރަށް އިތުރު ބޮޑެތި ގެއްލުންތަކެއް ލިބޭނެ. އެހެންވެ، މިހާރު އެންމެ އިސްކަމެއް ދެނީ ފަރަށް ވަދެފައި އޮތް އެންކާ ސްޕަޑް އެތަނުން ނެގުމަށް."

މިއަދު އެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެ ދުވަސް ތެރޭގައި އެކަން ނިމާލެވޭނެ ކަމަށް، ބްރިޖު މަޝްރޫއު ހިންގާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ސަރަހައްދުގައި އެ ކަހަލަ ޕްލެޓްފޯމްތައް ބަހައްޓައިގެން މަސައްކަތް ކުރި ކަމަށާއި އެކަމަކު މި ކަހަލަ މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން ބްރިޖު ހެދުމުގެ މަޝްރޫއު އަށް އިތުރު ހަރަދެއް ނުހިނގާނެ ކަމަށާއި އަދި އެ މަޝްރޫއުގެ ސްޕީޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ޕްލެޓްފޯމް އެތަނުން ފުންނުކުރެވި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ޕްލެޓްފޯމް އެތަނުން ފުންނުކުރެވި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެފްކޮންސް ގުޅިގެން، އެތަންތަނުގެ އިސްވެރިންނާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު އީޕީއޭ އިން ބުނީ ޕްލެޓްފޯމް ނެގުމުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް އެސަސްމަންޓެއް ވެސް ހަދާނެ ކަމަށެވެ.

ޕްލެޓްފޯމް އެތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުންނާއި އާންމުން ވެސް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.