Roadha Mihaaru
ދެ ދުވަސްތެރޭގައި ފަރުމަތިން ޕްލެޓްފޯމް ނަގަނީ

ދެ ދުވަސްތެރޭގައި ފަރުމަތިން ޕްލެޓްފޯމް ނަގާނެކަމުގެ ޔަގީންކަން އެފްކޮންސް އިން ދީފި

23 އޯގަސްޓް 2022

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރަމުން އަންނަނިކޮށް މީގެ ހަފުތާއެއް ކުރިން ވިލިމާލެ ފަރުމައްޗަށް އެރި ޕްލެޓްފޯމް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެތަނުން ނަގާނެ ކަމުގެ ޔަގީން އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރަމުން އަންނަނިކޮށް މީގެ ހަފުތާއެއް ކުރިން ވިލިމާލެ ފަރުމައްޗަށް އެރި ޕްލެޓްފޯމް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެތަނުން ނަގާނެ ކަމުގެ ޔަގީން އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން މިއަދު ދީފި އެވެ.

އީޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ވިލިމާލެ ފަރުމައްޗަށް އަރާފައިވާ އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން އެފޮކްސް އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިންނާ އެކު މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

"އެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ވަނީ ދީފައި،" އީޕީއޭ އިން ބުންޏެވެ.

ޕްލެޓްފޯމް ނެގުމުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް އެސަސްމަންޓެއް ވެސް ހަދާނެ ކަމަށް ވެސް ބުންޏެވެ.

ޓަގުބޯޓެއްގައި ކަފު ޖަހައިގެން ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތިން ނެގުމުގެ މަސައްކަތް ކުރަނީ: އެ ޕްލެޓްފޯމް އެތަނުން ފުންނުކުރެވި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްލެޓްފޯމް އެތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، އެ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޕްލޭނިން މިނިސްޓްރީ މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ އެ ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

ޕްލެޓްފޯމް ފަރުމަތިން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުންޏެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ އީޕީއޭ އިން ވެސް ބުނެފައި ވެ އެވެ. ނަމަވެސް އޭގެ ފަހުން އެ އިދާރާތަކުން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.