Roadha Mihaaru

ޖަލު އޮފިސަރުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ޖަލުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޖަލު އޮފިސަރުންނަށް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން އިއްޔެ ފަށައިފި އެވެ.

ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އޯގަސްޓް 2022

ޖަލުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޖަލު އޮފިސަރުންނަށް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން އިއްޔެ ފަށައިފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަލު ތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

އެ އިދާރާ އިން ބުނީ ބޮޑީ ވޯން ކެމެރާ މެދުވެރިކޮށް ޖަލު އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށެވެ. އަދި ޖަލުގައި ހިނގާ ހާދިސާއެއް ތަހުގީގުކުރަން ޖެހޭ ހާލަތުގައި، އެ އިދާރާގެ އެތެރޭންނާއި ބޭރުން ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވާނެ ކަމަށެވެ.

"މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޖަލު އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބޮޑީ ވޯން ކެމެރާ ގެންނަން ކަރެކްޝަންސް އިން ހަވާލުކުރީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަރު ޒެޓާ ޓެކްނޮލޮޖީސްއާ އެވެ. އެ ކުންފުންޏާ އެކު އެކަމުގެ އެއްބަސްވުން ހެދީ މި އަހަރު ފެބްރުއަރީ މަހު 17 ގަ އެވެ.

އެ ކުންފުންޏާ ހަވާލުކުރީ ކަރެކްޝަންސް އަށް 15 ބޮޑީ ވޯން ކެމެރާ އާއި ތިން ޓޭޒާ ފޯރުކޮށް ދިނުމަށެވެ.

މި އަހަރު ޖެނުއަރީގައި ފުލުހުން ވެސް ވަނީ ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފަ އެވެ.