Roadha Mihaaru
ޖަލުތަކުގެ ހާލަތު ދަނީ ފޮރުވަމުން: އިދިކޮޅު

ޖަލުތަކުގެ ހާލަތުގެ ހަގީގަތް ދަނީ ފޮރުވަމުން: އިދިކޮޅު

09 ޖެނުއަރީ 2020

ޖަލުތަކުގެ ހާލަތާ ބެހޭ ގޮތުން މުއައްސަސާތަކުން ދައްކާ ވާހަކަތަކުގައި ދެކޮޅުނުޖެހޭ ކަންކަން ހުރުމަކީ ހަގީގަތް އޮޅުވާލުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަލުތަކުގެ ހާލަތާ ބެހޭ ގޮތުން މުއައްސަސާތަކުން ދައްކާ ވާހަކަތަކުގައި ދެކޮޅުނުޖެހޭ ކަންކަން ހުރުމަކީ ހަގީގަތް އޮޅުވާލުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ބައެއް ޖަލުތަކުގައި މިދިޔަ ހަފުތާއިން ފެށިގެން ހިނގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ ކަރެކްޝަންސް އިން އެ ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތު ދިނުމުގެ އިތުރުން އެއްބާރުލުން ނުދޭ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު ކަރެކްޝަންސް އިން ބުނާ ގޮތުން ގައިދީންނަށް ވިސްނައިދީގެން މިހާރު ޖަލުގެ ހާލަތު ވަނީ ރަނގަޅުވެފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީއެމްއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ޖަލުގެ ހާލަތާ ބެހޭ ގޮތުން އެކި މުއައްސަސާތަކުން ދައްކަމުންދާ ވާހަކަތަކުގައި ދެކޮޅުނުޖެހޭ އެތައް ކަމެއް ފާހަގަވުމަކީ ހަގީގަތް ފޮރުވަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ހެޔޮ ވެރިކަމެއް ކުރަން އައި ސަރުކާރަކުން އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ހިނގި އިރު، އެ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްކާތެރިކަމާ މެދު އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. ޖަލުގެ ހާލަތާ ބެހޭ ފުރިހަމަ މައުލޫމާތު ހާމަކުރަން ސަރުކާރުން ފަސްޖެހޭތީ ޔާމީން ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީން ގޮވާލީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްގެ އިސްތިއުފާ ދެއްވުމަށެވެ. އަދި ޖަލުގެ ކަންކަން ނުބެލެހެއްޓި، ގޯސްވަމުން ދާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްވެސް އެއްޗެއް ވިދާޅުނުވާތީ އެކަމާ މެދު ވެސް ބަޔާނުގައި ކަންބޮޑުވުން ފާޅުކުރި އެވެ.

ޕީޕީއެމާއި ޕީއެންސީން ގޮވާލީ ސައްހަ މައުލޫމާތު އާންމު ކުރުމަށާއި ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށާއި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ޖަލުތަކުގެ ކަންކަން އިސްލާހު ކުރުމަށެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި ބައެއް ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރިކަމާއި ޖަލުގެ ބައެއް ތަންތަނުގައި ރޯކުރިކަން ވެސް ފާހަގަވި ކަމަށެވެ. އެކަމަކު އެ ކޮމިޝަންގެ ތަހުގީގަށް ކަރެކްޝަންސް އިން ދިނީ ސައްހަ ނޫން ކޮން މައުލޫމާތެއް ކަމަށް ބުނެފައިވެ އެވެ.