Roadha Mihaaru
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ

ހިޔާނާތުގެ ފައިސާ ސިންގަޕޫރުގެ ތިޖޫރިއެއްގައި ހުރިތޯ އޭސީސީން ބަލާނެ

25 އޯގަސްޓް 2022

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތުގައި, އެ ހިޔާނުގެ ފައިސާ ސިންގަޕޫރުގައި ހުރި ކަމަށް ބުނާ ވާހަކަތައް ފަދަ ހުރިހާ ކަމެއް ވެސް ތަހުގީގުގައި ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތުގައި, އެ ހިޔާނުގެ ފައިސާ ސިންގަޕޫރުގައި ހުރި ކަމަށް ބުނާ ވާހަކަތައް ފަދަ ހުރިހާ ކަމެއް ވެސް ތަހުގީގުގައި ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ދައުލަތުގެ ފައިސާ އަނބުރާ ހޯދަން ކުރާ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި ހިޔާނާތާ ގުޅޭ ގޮތުން ދައްކާ ހުރިހާ ވާހަކަތަކެއް ވެސް ބަލާނެ ކަމަށެވެ.

"ތަހުގީގާ ގުޅޭ ގޮތުން މީޑިއާތަކާއި އެހެން ޕްލެޓްފޯމުތަކުގައި ދެކެވޭ ހުރިހާ ވާހަކަތަކާއި އެގޮތަށް ހުރި ހުރިހާ ކަމަކަށް ބަލާނެ، އެޓެންޑްކުރާނެ،" ހަސަން ވިދާޅުވި އެވެ.

ހިޔާނާތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ސިންގަޕޫރުގެ ތިޖޫރީއެއްގައި ހުރި ކަމަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނޫސްވެރިންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެގޮތަށް ވިދާޅުވިކަން އެމަނިކުފާނާ ހިސާބަށް ގެނެސްދެއްވީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކަމަށެވެ.

އޭރު އޭސީސީން ދިޔައީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޔާމީން ވިދާޅުވީ އެ ތިޖޫރީ ހުޅުވޭނީ އަދީބުގެ ލޮލުގެ ރެޓިނަލް ސްކޭނެއް ކޮށްގެން ކަމަށް ވެސް ލުތުފީ ވިދާޅުވި ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ދެއްކެވި އެ ވާހަކައާ ގުޅިގެން ސިންގަޕޫރަށް ނުފޮނުއްވީ ފައިސާ އަތުނުޖެހި އަދީބު ފިލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވިދާޅުވެފައިވެ އެެވެ.

ސިންގަޕޫރުގެ ތިޖޫރީއެއްގައި ފައިސާ ހުރި ކަމަށް ކުރިން ވެސް އަޑު ފެތުރުނެވެ. އެ ވާހަކަ އޭސީސީގެ ތަހުގީގުގައި ކުރިން ބަލާފައިވޭތޯ ކޮމިޝަނުން ޔަގީންކޮށެއް ނުދެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ހިޔާނާތާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް އޭސީސީއަށް ބަދަލުވުމާ އެކު ކުރަން ޖެހޭ ކަންކަން ނިންމި އެސެޓް ރިކަވަރީއަށް މިހާރު ވަނީ އަމާޒު ހިފައިފަ އެވެ. އެކަމަށް ހާއްސަ ޓީމުތަކެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

"އެ މަސައްކަތުގެ ތެރެއިން އެއާ އެކުއެކީގައި އެސެޓް ރިކަވަރީއަށް ފޯކަސްކޮށްގެން ކޮމިޝަނުގެ އިސް ނެގުމަށް ހާއްސަ ޕްރޮޖެކްޓެއް ވެސް މިހާރު ފަށާފައި ވަނީ. މި ކޮމިޝަނުގެ މަސައްކަތާ ގުޅުން ހުރި ދާއިރާތަކާ އެކު މަޝްވަރާކޮށް ކޮމިޓީތަކެއް ވަނީ އެކުލަވާލެވިފައި،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ސްކީމްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ނުއަގުގައި ދޫކުރި ރަށްތަކާއި ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގި ކަންކަމެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ.

މި ހިޔާނާތް ހިންގި ކަމަށް ކުރީގެ ނައިބު ރައީސް އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އެ މީހުންގެ މައްޗަށް މި މައްސަލައިގައި ހުކުމް އިއްވާފައިވާ އިރު ހިޔާނާތާ ގުޅޭ ދައުވާތަކެއް ޔާމީންގެ މައްޗަށް އުފުލައި ޝަރީއަތް ދަނީ ހިނގަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރި، އަދީބުގެ އެކުވެރިންގެ ކުންފުނި ކަމަށްވާ އެސްއޯއެފްގެ އެކައުންޓް ފްރީޒްކޮށްފައި ހުންނަތާ އަހަރުތަކެއް ފަހުން ސިވިލް ކޯޓުން ވަނީ އެ އެކައުންޓް ދޫކޮށްލައިފަ އެވެ. އޭގައި ފައިސާ ހުރި ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު އޭސީސީން އަންނަނީ އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުންނެވެ.