Roadha Mihaaru
ޝާހިދާއި ޖައިޝަންކަރް ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ބައްދަލުކުރައްވައިފި

29 އޯގަސްޓް 2022

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ޝާހިދު، ޖައިޝަންކަރާ ބައްދަލުކުރައްވާފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުގަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ޝާހިދު ހޯއްދަވާފައިވާ ކާމިޔާބީއަށް މަރުހަބާ ދަންނަވައި، ޖައިޝަންކަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާއްސަ ގުޅުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރަމުން ގެންދަވާ ކަމަށެވެ.

އިންޑިއާ ނެއިބަހޫޑް ފަސްޓާއި ރާއްޖެ އިންޑިއާ ފަސްޓް ޕޮލިސީއާ އެކު ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

ޝާހިދުގެ، އދ.ގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.

ޝާހިދު ކުރެއްވި ޓްވީޓުގައި، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ހޯދައިދެއްވުމަށް އިންޑިއާއިން ދިން އަދާކުރި ދައުރަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި، އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ލިބިފައިވާ ކާމިޔާބީތަކާއި ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ.

އެންމެ ފަހުން ޖައިޝަންކަރާއި ޝާހިދު ބައްދަލުކުރެއްވީ ރާއްޖޭގައި އިންޑިއާގެ އެހީގައި ހަދާފައިވާ ޕޮލިސް އެކަޑަމީ ރަސްމީކޮށް ހުޅުވުމަށް އައްޑޫގައި ބޭއްވި ހަފްލާގަ އެވެ.

މިއަދުގެ ނިޔަލަށް އިންޑިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި ޝާހިދު ވަނީ އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އިންޑިއާގެ އިސްވެރިންނާ އެކު މަޝްވަރާކުރައްވައިފަ އެެވެ.

އެ ދަތުރުފުޅުގައި އިންޑިއާގެ ނައިބް ރައީސް ޖަގްދީޕް ދަންޚަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ވެސް ޝާހިދު ބައްދަލުކުރެއްވި އެވެ.