Roadha Mihaaru
ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު އިސްތިއުފާ ދެއްވަނީ

ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު އިސްތިއުފާ ދެއްވަނީ

16 ފެބުރުއަރީ 2023

ސްކޮޓްލޭންޑްގެ ސަރުކާރުގެ އެންމެ އިސް ވެރިޔާ (ފަސްޓް މިނިސްޓަރު) ނިކޮލާ ސްޓާޖަން މަގާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަން، އޭނާ އިއްޔެ އިއުލާން ކުރައްވައިފި އެވެ.

ސްކޮޓްލޭންޑްގެ ސަރުކާރުގެ އެންމެ އިސް ވެރިޔާ (ފަސްޓް މިނިސްޓަރު) ނިކޮލާ ސްޓާޖަން މަގާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަން، އޭނާ އިއްޔެ އިއުލާން ކުރައްވައިފި އެވެ.

ނޫސްވެރިންނާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނިކޮލާ ވިދާޅުވީ މިހާރު މިވަނީ އިސްތިއުފާ ދެއްވުމުގެ ވަގުތު ޖެހިފައި ކަމަށެވެ. މިވަގުތު އޭނާ އަށާއި ގައުމަށާއި އޭނާގެ ޕާޓީ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޮޓްލެންޑްގެ އެންމެ އިސް ވެރިއަކީ އެވަގުތަކު އިނގިރޭސި ތަޚުތުގައި އިންނަވާ ބޭފުޅެކެވެ. ނަމަވެސް ސަރުކާރުގެ އެންމެ އިސް ވެރިއަކީ ފަސްޓް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

ނިކޮލާ ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ނަމަވެސް، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު، ވެރިކަންކުރާ ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ) އިން ކަނޑައަޅަންދެން އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އިނގިރޭސި ސަރުކާރާއި ސްކޮޓިޝްގެ މިހާރުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިމަތިވާ ފިއްތުންތަކާ ގުޅިގެންނެއް ނޫނެވެ.

އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑްގެ ސަރުކާރާ ދެމެދު ޚިޔާލު ތަފާތުވުން އެންމެ ބޮޑުވެފައިވަނީ، އިނގިރޭސި ތަޚުތުން ވަކިވެ، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާންކުރަން ސްކޮޓްލޭންޑުން މަސައްކަތް ކުރާ މައްސަލައިގަ އެވެ. އޭގެ އިތުރުން، އިތުބާރު ކުރެވޭ ޑޮކްޓަރުންގެ ލަފާ ލަފައެއް ހޯދުމެއް ނެތި، އެމީހެއްގެ ޖިންސް ބަދަލުކުރުމުގެ ހުއްދަ ލިބޭ ގޮތަށް ސްކޮޓްލޭންޑްގައި އުފައްދަން އުޅޭ ގާނޫނަށް އިނގިރޭސި ސަރުކާރުން ދެކޮޅު ހަދަމުން ދާ މައްސަލައިގައި ވެސް ދެ ފަރާތުގެ މެދުގައި ވަނީ އަރާރުން ބޮޑުވެފަ އެވެ.

ނިކޮލާ ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ގިނަ ގޮތްގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވިސްނެވުމަށް ފަހު އެވެ. އަދި މިހާރު ހުންނެވި މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް އޭނާގެ ހުރިހާ ހަކަތައެއް މިހާރު ބޭނުންކުރެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ވާޖިބުތައް ފުރިހަމަ އަށް އަދާކުރެއްވޭނީ އެމީހެއްގެ ހުރިހާ ހަކަތައެއް އެކަމަށް ބޭނުންކޮށްގެން ކަމަށެވެ. އަދި ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ދިރިއުޅުއްވުމުގެ ކަންކަމަށް ފުރުސަތު ނޯންނަ ކަމަށާއި ރައްޓެއްސަކާ ބައްދަލުކޮށްލަން ނުވަތަ ކަސްރަތަށްޓަކައި ހިނގާލަން ދެވެން ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިކޮލާ މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާން ކުރެއްވި އިރު ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެއް ނެތެވެ. އެހެން ނަމަވެސް އިސްތިއުފާ އިއުލާން ކުރެއްވުމާ ގުޅިގެން، ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އެސްއެންޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.