Roadha Mihaaru
ސްކޮޓްލޭންޑްގެ ބޮޑުވަޒީރަކަށް މުސްލިމެއް

ސްކޮޓްލޭންޑްގެ ބޮޑުވަޒީރަކަށް މުސްލިމެއް

28 މާޗް 2023

ސްކޮޓްލޭންޑްގެ ވެރިކަންކުރާ، ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ)ގެ ލީޑަރުގެ މަގާމަށް އެ ގައުމުގެ މިހާރުގެ ސިއްހަތާ ބެހޭ ވަޒީރު ހަމްޒާ ޔޫސުފް އިންތިޚާބުވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު (ފަސްޓް މިނިސްޓަރު)ގެ މަގާމު އޭނާ އަށް ކަށަވަރުވެއްޖެ އެވެ.

މިއީ ސްކޮޓްލެންޑްގެ ތާރީޚުގައި ވެސް ބޮޑުވަޒީރުގެ މަގާމަށް، މުސްލިމަކު އަދި އޭޝިޔާ ނަސްލުގެ މީހަކު އައްޔަން ކުރެވޭ ފުރަތަމަ ފަހަރެވެ. އުމުރުން 37 އަހަރުގެ ހަމްޒާ ހާރޫން ޔޫސުފް އަކީ ޕާކިސްތާނުގެ ޕަންޖާބަށް ނިސްބަތްވާ އާއިލާއެއްގެ މެމްބަރެކެވެ. ނަމަވެސް އޭނާ އުފަންވެ ބޮޑުވީ ސްކޮޓްލޭންޑްގެ ގްލަސްގޯގަ އެވެ.

އޭނާ އަށް ސްކޮޓްލޭންޑްގެ ބޮޑުވަޒީރުގެ މަގާމު މި ކަށަވަރުވީ، އެ މަގާމުގައި މިހާރު ހުންނެވި ނިކޮލާ ސްޓާޖަން، އަށް އަހަރަށް ފަހު މިދިޔަ މަހު ކުއްލި ގޮތަކަށް، ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވުމާއެކު، ބޮޑުވަޒީރު ކަމުގެ މަގާމު ވެސް ހުސްވުމުންނެވެ. އެސްއެންޕީގެ ލީޑަރަކު އިންތިޚާބު ކުރުމަށް ފަސް ހަފުތާ އަށް ދެމިގެން ދިޔަ ވާދަވެރި އިންތިޚާބަށް ފަހު، އެ މަގާމު އޭނާ އަށް ކަށަވަރުވީ އިއްޔެ އެވެ.

ޕާޓީގެ ލީޑަރުގެ މަގާމަށް ހަމްޒާއާ ވާދަކުރެއްވީ މިހާރުގެ މާލީ ވަޒީރު ކޭޓް ފޯބްސް، 32، އާއި ކޮމިޔުނިޓީ ސޭފްޓީ މިނިސްޓަރުގެ މަގާމުން މިދިޔަ އޮކްޓޫބަރު މަހު އިސްތިއުފާ ދެއްވި އޭޝް ރޭގަން، 49، އެވެ.

ބޮޑުވަޒީރުކަމުގެ މަގާމު ޔަގީންވުމާ އެކު ހަމްޒާ ވިދާޅުވީ އޭނާ ދެން މަސައްކަތް ކުރައްވާނީ، މުޅި ސްކޮޓްލޭންޑްގެ ހަމަޖެހުމާއި އެއްބައިވަންތަ ކަމަށެވެ. އަދި ސްކޮޓްލޭންޑް ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި ދެމިހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާޗް 27، 2023؛ ސްކޮޓްލޭންޑްގެ ވެރިކަން ކުރާ ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރުގެ މަގާމަށް އިއްތިހާބުވި ހަމްޒާ ޔޫސުފް (މ) އޭނާއާ ވާދަކުރެއްވި ދެ ބޭފުޅުން ކަމަށްވާ ކޭޓް ފޯބްސް، (ކ) އާއި އޭޝް ރޭގަންގެ އަރިހުގައި. -- އޭއެފްޕީ

"ޕަންޖާބުން ފެށިގެން އަހަރެމެންގެ ގާނޫނު ހަދާ މަޖިލީހަށް، މިއީ އަހަރެމެންގެ ޖީލަށްޓަކައި ކުރި ދަތުރެއް،" ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެން ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާއަކީ އަބަދުވެސް ސްކޮޓްލޭންޑްގެ މިނިވަންކަމަށް ތާއީދުކުރާ އަދި އެކަމާ މެދު އާންމު ރައްޔިތުން ހޭލުންތެރިކޮށް އެކަމަށް ބާރުއަޅަން މަސައްކަތް ކުރާ މީހެކެވެ. އަދި އެކަމުގައި ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ފަށާފައިވާ މިނިވަންކަމުގެ ދަތުރުގައި ދެން ކުރިއަށް ދާނީ ފަސް ވަނަ ގިއަރުގައި ކަން އަހަރެން ކަށަވަރުކޮށްދެން. މިއިން އެއްވެސް ޒަމާނެއްގައި ސްކޮޓްލޭންޑްގެ ރައްޔިތުން މިނިވަންކަމަށް ބޭނުންނުވާ މިންވަރަށް، މިހާރު މިނިވަންކަމަށް ބޭނުންވޭ."

މާޗް 27، 2023؛ ސްކޮޓްލޭންޑްގެ ވެރިކަން ކުރާ ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރުގެ މަގާމަށް އިއްތިހާބުވި ހަމްޒާ ޔޫސުފް އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނާއި ބައެއް ސަޕޯޓަރުންނާ އެކު. -- އޭއެފްޕީ

މާޗް 27، 2023؛ ސްކޮޓްލޭންޑްގެ ވެރިކަން ކުރާ ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރުގެ މަގާމަށް އިއްތިހާބުވި ހަމްޒާ ޔޫސުފް އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނާއި ބައެއް ސަޕޯޓަރުންނާ އެކު. -- އޭއެފްޕީ

އިނގިރޭސި ތަޚުތުން ވަކިވެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި އާ ސްކޮޓްލޭންޑެއް އުފެއްދުމާ ބެހޭ ގޮތުން، އާންމު ރައްޔިތުންގެ މެދުގައި ޚިޔާލު ހުރި ގޮތެއް ބެލުމަށް 2014 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ 55 ޕަސެންޓް މީހުން ވޯޓު ދިނީ، މިނިވަންވުމާ ދެކޮޅަށެވެ. މިނިވަންވުމާ އެއްކޮޅަށް ވޯޓު ދިނީ 45 ޕަސެންޓް މީހުންނެވެ.

ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭ ގޮތުން، އޭގެ ދެ އަހަރު ފަހުން 2016 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި އިނގިރޭސި ވިލާތުން އެކަމަށް ތާއީދު ކުރި އިރު، ސްކޮޓްލޭންޑުގެ އާންމު ރައްޔިތުން ނިންމީ ވިލާތުގެ އިއްތިހާދުގައި އޮތުމަށެވެ.

ބައެއް މީޑިއާތަކުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އިނގިރޭސި ތަޚުތުން ވަކިވާން ބޭނުންވާ ނިސްބަތް 2020 ވަނަ އަހަރު ހުރީ 58 ޕަސެންޓްގަ އެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެ ނިސްބަތް ވަނީ 39 ޕަސެންޓަށް ވެއްޓިފަ އެވެ.