18 ސެޕްޓެމްބަރ 2022
ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ޒިންމާ ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ޒިންމާ ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
އެއް މިލިއަން ޑޮލަރު ގަންނަން ޝަރޫއަށް ފެނަކައިން 2016 ވަނަ އަހަރު 17.8 މިލިއަން ރުފިޔާ ދިނަސް، ޝަރޫއިން ފެނަކައަށް ދިން އެއް މިލިއަން ޑޮލަރުގެ ޗެކް ބައުންސްވެ އެ ފައިސާ އެ ކުންފުންޏަށް ނުލިބުމުން ފެނަކައިން ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
އެ ފައިސާ ޝަރޫއިން ފެނަކައަށް ދައްކަން ޖެހޭނެ ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ހައިކޯޓުން މިދިޔަ އަހަރު ނިންމީ ޝަރޫ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުން ވެސް ފަރުދީ ގޮތުން އެ ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ޝަރޫ ކުންފުންޏާއި ތިން ޑިރެކްޓަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވިޔަސް، ކުންފުނި ނިވާފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމުގެ ޒިންމާ ފަރުދީ ގޮތުން ޑިރެކްޓަރުން އުފުލަން ޖެހޭ ހާލަތްތަކެއް ގާނޫނުގައި އޮންނަ ކަމަށެވެ.
އެ މައްސަލާގައި ފެނަކައިން ދިން ފައިސާ ލިބުމުން ޝަރޫގެ ޑިރެކްޓަރުން އެ ފައިސާ ނަގާފައިވާ ކަމަށާއި އޭރު އެއަށް ވާ އެއް މިލިއަން ޑޮލަރު އަނބުރާ ދެއްކޭނެ ގާބިލްކަމެއް އެ ކުންފުނީގެ ހިސާބުތަކުން ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ފެނަކައިން ދިން ފައިސާ ބޭނުންކުރި ގޮތެއް ކުންފުނީގެ ހިސާބުތަކުން އެނގެން ނެތް ކަމަށާއި އެހެންވެ، އެ ހާލަތުގައި ޑިރެކްޓަރުން އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމުގައިވެ އެވެ.
"ކުންފުނީގެ ފައިސާ ޚަރަދުކުރި ގޮތެއް ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތްނަމަ، އެފަދަ ކުންފުންޏަކީ ކުންފުންޏެއް ނޫނެވެ. އެއީ ހަމައެކަނި ކުންފުނީގެ ޑިރެކްޓަރުން ދަރަނިން ރެކެން ބޭނުންކުރާ [ގޮނޑިކޮއްކޮ] ކުންފުންޏެކެވެ. ވަކި ގާނޫނީ ޝަހްސުގެ ގާނޫނީ ހިމާޔަތް ކުންފުންޏަކަށް ލިބޭނީ އެ ކުންފުންޏަކީ ކުންފުނީގެ ހިސާބުތައް ލިޔެކިޔުމުން ބަލަހައްޓައިގެން ގާނޫނުގައިވާ ގޮތަށް ޑިރެކްޓަރުންގެ ބޯޑުން ހިންގާ ކުންފުންޏެއް ނަމަ އެވެ." އެ ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ފައިސާ އަނބުރާ ދިނުމުގެ ގޮތުން ޝަރޫއިން ފެނަކައަށް ޗެކް ދޫކުރިޔަސް، އެކަން ކުރީ ކުންފުނީގެ އެކައުންޓްގައި ފައިސާ ނެތްކަން އެނގިތިބެ އަދި އޮޅުވާލުމުގެ ނިޔަތުގައި ކަމަށް ބެލެވެ އެވެ.
"ޝަރޫ ލޯންޗް ސާވިސް ކުންފުނީގެ ޝަހުސުގެ ފަރުދާ ނަގައި، އެ ކުންފުނީގެ ފަރުދާގެ ފަހަތުގައި ތިބި އެ ކުންފުނީގެ ޑިރެކްޓަރުން ޝަހުސީ ގޮތުން ޒިންމާ ކުރުވެން ޖެހެ އެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ނަމުގައި ކުރާ ކަންކަމަށް ވެސް އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވޭނެ އެވެ.
ޝަރޫގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތީސް، ފެނަކައަށް ޑޮލަރު ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދުމަކީ ވެސް ފެނަކައިން ކޯޓުގައި ފާހަގަކުރި އެއް މައްސަލަ އެވެ. އެކަމަކު އެ ނުކުތާގައި ސުޕްރީމް ކޯޓުން ނިންމީ އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވޭނެ ކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ސުއޫދެވެ.
ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ވެސް ޑޮލަރު ވިއްކުމަށް ތިން މިލިއަން ރުފިޔާ ޝަރޫއިން އޭރު ހޯދި އެވެ. އެ ފައިސާ ވެސް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
ފެނަކައަށް 17 މިލިއަން ދޭން ކުރި ހުކުމް ރަނގަޅު
ޝަރޫ އިން އިތުރު 3.8 މިލިއަން ދައްކަން ޖެހިއްޖެ
ޝަރޫގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެއް
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި
ފެނަކައަށް ޝަރޫއިން 17 މިލިއަން ދޭން ހުކުމްކޮށްފި
މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލާގައި ދައުވާކޮށްފި
ސްޓެލްކޯއިން ޑޮލަރު ގަންނަންދިން ފައިސާ ވެސް ގެއްލިއްޖެ
މަނީ ޗޭންޖަރުންގެ 163 ލައިސަންސް ބާތިލްކޮށްފި
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް
ކުންފުންޏަކަށް 13 މިލިއަން ދޭން ފެނަކައަށް ހުކުމެއް