Roadha Mihaaru
ޝަރޫގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެއް

ޝަރޫ އިން 29 މިލިއަން ރުފިޔާ އެމްސީބީއަށް ދައްކަން ޖެހިއްޖެ

05 ނޮވެމްބަރ 2017

ޑޮލަރު ވިއްކުމުގެ މުއާމަލާތްތަކަކާ ގުޅިގެން ސަރުކާރުގެ ދެ ކުންފުންޏަކަށް 20 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ޝަރޫ ލޯންޗް ކުންފުނީގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެެއް ސާބިތުވެ، އެ ފައިސާ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑޮލަރު ވިއްކުމުގެ މުއާމަލާތްތަކަކާ ގުޅިގެން ސަރުކާރުގެ ދެ ކުންފުންޏަކަށް 20 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ޝަރޫ ލޯންޗް ކުންފުނީގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެެއް ސާބިތުވެ، އެ ފައިސާ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝަރޫ ކުންފުނިން 29.3 މިލިއަން ރުފިޔާ އެމްސީބީއަށް ދައްކަން ޖެހުނީ އެތަނުން ނެގި ލޯނެއް އަނބުރާ ނުދައްކައިގެން އެމްސީބީން ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުން އެމްސީބީން ޝަރޫއަށް 13.8 މިލިއަން ރުފިޔާ އާއި 966،000 ޑޮލަރުގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އާއި އިންޓްރެސްޓްގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 990،000 ޑޮލަރު (15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަރާފައިވާ ކަމަށާއި އެއީ ޝަރޫއިން ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ 10 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޝަރޫ އާއި އެ ލޯނަށް ގެރެންޓީ ދިން ދެ މީހެއްގެ މައްޗަށް ހުކުމުގައި ވަނީ އަންގައިފަ އެވެ.

އެ މުއްދަތުގައި ފައިސާ އެއްކޮށް ނުދައްކައިފި ނަމަ، އެ ލޯނަށް ރަހުނު ކޮށްފައިވާ ޝަރޫގެ ތިން ލޯންޗަކާއި ހުޅުމާލޭގެ ދެ ގޯއްޗެއް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހައްގު އެމްސީބީއަށް ލިބިގެންވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކަން ހިންގި މުއާމަލާތުގައި ޑޮލަރު ނުދެވުނީ އެމްސީބީގެ ސަބަބުން ކަމަށް ބުނެ 150 މިލިއަން ރުފިޔާގެ ބަދަލެއް އެމްސީބީގެ ފަރާތުން ހޯދަން ޝަރޫއިން ކުރިން ދައުވާކުރި އެވެ. އެކަމަކު އެ މައްސަލައިގެ ހުކުމް ކުރަން ހަމަޖެހިފައި އޮތް ދުވަހު ޝަރޫއިން ދައުވާ އަނބުރާ ގެންދިޔައީ އެވެ.

ފެނަކަ އަށް ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ނެގި މައްސަލަ ކުރިން ފުލުހުން ވެސް ބެލި އެވެ. އެ މައްސަލާގައި އޭރު ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.