Roadha Mihaaru
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި

ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި

03 އޮކްޓޯބަރ 2017

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލު ކުރި ގޮތުން ގެއްލުން ވެފައިވާ ކަމަށް ބުނެ އެމްސީބީ އަތުން 150 މިލިއަން ރުފިޔާ ހޯދަން ޝަރޫ ކުންފުނިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލު ކުރި ގޮތުން ގެއްލުން ވެފައިވާ ކަމަށް ބުނެ އެމްސީބީ އަތުން 150 މިލިއަން ރުފިޔާ ހޯދަން ޝަރޫ ކުންފުނިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ގިނަ އަދަދެއްގެ ޑޮލަރު ވިއްކުމަށް ޝަރޫ އިން ބޭންކަށް ފައިސާ ދިނުމުން ބޭންކުން ޑޮލަރު ނުދިން މައްސަލައިގައި ޝަރޫ އިން އެމްސީބީއާ ދެކޮޅަށް ދައުވާކުރީ އެ މުއާމަލާތުގައި ޝަރޫ އަށް ޑޮލަރު ދޫކުރަން އެމްސީބީން ދެކޮޅު ހެދި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދަން އެމްސީބީއާ ދެކޮޅަށް ކުރި ދައުވާ ޝަރޫ އިން މިދިޔަ ބުރާސްފަތި ދުވަހު އަނބުރާ ގެންދިޔައީ އެ މައްސަލައިގެ ހުކުމް އެ ދުވަހު އިއްވަން ކޯޓުން ހަމަޖައްސާފައި ވަނިކޮށެވެ.

އެމްސީބީއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ ޑޮލަރު ގަތުމަށް ފެނަކަ އާއި ސްޓެލްކޯ އިން އެ ކުންފުންޏަށް ދެއްކި ފައިސާ އަނބުރާ އެ ދެ ކުންފުންޏަށް ދެއްކުމަށް ކޯޓުން ކުރިން ހުކުމް ކޮށްފައި ވަނިކޮށެވެ. ޑޮލަރު ގަތުމަށް ފެނަކަ އިން 17 މިލިއަން ރުފިޔާ ދިން އިރު ސްޓެލްކޯ އިން ތިން މިލިއަން ރުފިޔާ ދިނެވެ. އެ ހުރިހާ ފައިސާއެއް އަނބުރާ ދައްކަން ޝަރޫ އަށް މިހާރު ވަނީ ޖެހިފަ އެވެ.

ފެނަކަ އަށް ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ނެގި މައްސަލަ ކުރިން ފުލުހުން ވެސް ބެލި އެވެ. އެ މައްސަލައިގައި ބައެއް މީހުން އޭރު ހައްޔަރު ވެސް ކުރި އެވެ.