Roadha Mihaaru
ފެނަކައަށް 17 މިލިއަން ދޭން ކުރި ހުކުމް ރަނގަޅު

ފެނަކައަށް 17 މިލިއަން ދޭން ޝަރޫގެ މައްޗަށް ކުރި ހުކުމް ރަނގަޅު: ހައި ކޯޓް

29 އޮކްޓޯބަރ 2020

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަންނަން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިނުމުން ޑޮލަރު ދޫކުރަން ޝަރޫ އިން ފެނަކަ އަށް ދިން ޗެކްތައް ވަނީ ބައުންސްވެފަ އެވެ. އެހެންވެ، 17 މިލިއަން ރުފިޔާ އަނބުރާ ހޯދަން ފެނަކައިން ދައުވާ ކުރުމުން އޮގަސްޓް، 2017 ގައި ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ހަތަރު މަސް ތެރޭގައި އަނބުރާ ފެނަކަ އަށް ދެއްކުމަށެވެ.

އެ މައްސަލަ ޝަރޫ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފެނަކަ އިން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިން ކަމަށާއި އަދި ޝަރޫއިން ފެނަކަ އަށް ދޫކުރި ޑޮލަރު ޗެކްތަކަށް ފައިސާ ލިބިފައި ނުވާ ކަމަށާއި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އެ ފައިސާ ޝަރޫއިން އަނބުރާ ފެނަކައަށް ދައްކަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ފެނަކަ އަށް ޝަރޫއިން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މުވައްޒަފަކާއި އިތުރު ބަޔަކު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ހިންގި އެވެ. އަދި ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތީސް، ޝަރޫ އަށް ޑޮލަރު ގަތުމަށް ހަވާލުކުރި މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެ ކުންފުނީގެ އިތުރު ބައެއް އިސް މުވައްޒަފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ އެ މައްސަލާގައިި ދައުވާ ކުރެވެން ނެތް ކަމަށެވެ.

ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ޑޮލަރު ހޯދަން ޝަރޫއަށް ދިން ތިން މިލިއަން ރުފިޔާ އަނބުރާ ދައްކަން ވެސް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައިވެ އެވެ.