Roadha Mihaaru
ފެނަކައަށް ޝަރޫއިން 17 މިލިއަން ދޭން ހުކުމްކޮށްފި

ޝަރޫ އަށް ފެނަކައިން ދިން 17 މިލިއަން ރުފިޔާ އަނބުރާ ދައްކަން ހުކުމްކޮށްފި

22 އޯގަސްޓް 2017

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަންނަން ޝަރޫ ކުންފުންޏަށް މިދިޔަ އަހަރު ފައިސާ ދިނުމުން ދިން ޑޮލަރު ޗެކްތައް ވަނީ ބައުންސްވެފަ އެވެ. އެ ފައިސާ ހޯދަން ފެނަކަ އިން ދައުވާ ކުރުމުން ސިވިލް ކޯޓުން މިއަދު ހުކުމްކުރީ ފެނަކަ އިން ދިން 17 މިލިއަން ރުފިޔާ ހަތަރު މަހަށް ބަހާލައިގެން އަނބުރާ ދެއްކުމަށެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ފައިސާއަކީ ޝަރޫ އިން ފެނަކަ އަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ކަން ޝަރީއަތަށް ސާބިތުވެ އެވެ.

ފެނަކަ އަށް ދޫކުރި ޗެކްތަކުގެ މައްސަލަ ފުލުހުން ވެސް ބަލަން ފަށައި، ޝަރޫ ކުންފުނީގެ މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކްގެ މުވައްޒަފަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލި އެވެ.

ފެނަކަ ކުންފުނީގެ އިތުރުން ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު ޑޮލަރު ނުލިބުނު މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ ފައިސާ ހޯދަން ސްޓެލްކޯ އިން ދައުވާ ކުރުމުން އެ ފައިސާ ވެސް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.