Roadha Mihaaru
އެމްޕީއެލްގެ ފްލެޓްތަކުން ކުލި ނަގާނީ އެންމެން ވަނުމުން

އެމްޕީއެލްގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އެންމެން ވަދެ ނިމުމުން: ވަޖީހް

12 ފެބުރުއަރީ 2024

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފްލެޓްތަކުގައި 100 އެއްހާ އާއިލާ ދިރިއުޅެމުން އަންނަ ކަމަށާއި ފްލެޓްތަކުން ކުލި ނަގަން ފަށާނީ، ހުރިހާ އެންމެން އެޕާޓްމެންޓްތަކަށް ވަދެ ނިމުމުން ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފްލެޓްތަކުގައި 100 އެއްހާ އާއިލާ ދިރިއުޅެމުން އަންނަ ކަމަށާއި ފްލެޓްތަކުން ކުލި ނަގަން ފަށާނީ، ހުރިހާ އެންމެން އެޕާޓްމެންޓްތަކަށް ވަދެ ނިމުމުން ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެން ދެ މަސް ތެރޭގައި ހުރިހާ މުވައްޒަފުން ފްލެޓްތަކަށް ވައްދަން ވައުދުވެ، މަސައްކަތް ކުރެއްވި ނަމަވެސް އެންމެންނަށް ބަދަލު ނުވެވުނީ ކޮންޓްރެކްޓަރުގެ ފަރާތުން ކުރިމަތިވި ޑިލޭތަކާ ހެދި ކަމަށެވެ.

އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

އޭނާ ވިދާޅުވި ގޮތުގައި ވީ އެންމެ އަވަހަކަށް ފްލެޓްތައް ނިންމައި، ފްލެޓް ލިބުނު އެންމެންނަށް އެތަނުގައި ދިރިއުޅެން ފެށޭވަރު ކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެމްޕީއެލްއިން އިމާރާތްކޮށްފައިވާ 15 ބުރީގެ ތިން ޓަވަރު: މި ތަންތަނުގައި 534 އެޕާޓްމެންޓް ހަދާފައިވާ އިރު އެއީ އެއް ރޫމްގެ 204 އެޕާޓްމެންޓާއި 1+2 ރޫމްގެ 330 އެޕާޓްމަންޓް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ކޮންޓްރެކްޓަރުގެ ފަރާތުން ކުރަން ޖެހޭ ކަންކަން އެހެރީ ނުވެފައި. ކޮންމެވެސް ސަބަބެއް ދިމާވެގެން،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މުވައްޒަފުންނަށް ލިބެން ޖެހޭ ފްލެޓްތައް ހަވާލުކުރުމަށް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި ކުއްޔާއި ފްލެޓްގެ އަގު ދެއްކުމުގައި ލުއިތަކެއް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

އެމްޕީއެލް ފްލެޓްތަކުގެ 1+2 ރޫމްގެ އެޕާޓްމެންޓެއް ދައްކާލަން ތައްޔާރުކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޕީއެލް ފްލެޓްތަކުގެ 1+2 ރޫމްގެ އެޕާޓްމެންޓެއް ދައްކާލަން ތައްޔާރުކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑުމެން މުވައްޒަފުންނަށް ދޭ ޔަގީން ކަމަކީ ކުލީގެ ވާހަކަ ނުދައްކާށޭ. ކުލި ނަގަން ފަށާނީ ތިބޭފުޅުން [މުވައްޒަފުން] އެތަނަށް ވަދެ ހަމަޖެހުނީމަ. މިވަގުތު އެ ބޭފުޅުންގެ ކޮންޓްރެކްޓްގައި އިންނާނެ އޭޕްރީލް މަހު ކުލި ނަގަން ފަށާނެ ކަމަށް. އަޅުގަނޑު ދޭ ޔަގީން ކަމަކީ ނުނަގާނަމޭ އެ ތާރީހުގައެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ފަރާތްތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ ޑައުންޕޭމަންޓް ދެއްކި އަދަދަށް ބިނާކޮށެވެ. އެހެން ނަމަވެސް ކުލި ދެއްކުމުގައި ލުއިތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.