Roadha Mihaaru
ބަގީގެ ހިދުމަތް ހުއްޓާނުލުމަށް ވަގުތީ އަމުރެއް

ވިލިމާލޭގައި ބަގީގެ ހިދުމަތް ހުއްޓާލަން އެންގި ސިޓީ އަށް އަމަލުނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

01 ސެޕްޓެމްބަރ 2022

އެއްބަސްވުމާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދޭ ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް، "ނައިންޓީ ނައިން ހޯލްޑިން" އަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެއްބަސްވުމާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދޭ ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް، "ނައިންޓީ ނައިން ހޯލްޑިން" އަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެފި އެވެ.

ބެޓެރި ވެހިކަލް އެކަނި ދުއްވުމުގެ ހުއްދަ އޮންނަ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ ޖޫން 17، 2013 ގައި ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" އަށް ޖެނުއަރީ 16، 2014 ގައި އެ މަސައްކަތްތައް ބަދަލުކޮށްފަ އެވެ.

އެ ކުންފުނީގެ ދަށުން މިދިޔަ އަށް އަހަރު ދުވަހު ބަގީގެ ހިދުމަތް ދެމުން އަޔަސް ވިލިމާލޭ ކައުންސިލް މެމްބަރު ނަހުލާ އަލީ ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް އެ ހިދުމަތް ނުދޭތީ ވިލިމާލޭގެ އާންމުން ނުރުހުން ފާޅުކުރެ އެވެ.

އެހެންވެ، ބަގީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ބާތިލުކުރަން ކައުންސިލުން އޮތީ މިދިޔަ މަހުގެ 17 ގައި ފާސްކޮށްފަ އެެވެ.

އެއްބަސްވުން ބާތިލުކޮށް، އެ ކުންފުންޏަށް ދީފައިވާ ބިން ހަތް ދުވަހުގެ ތެރޭގައި ހުސް ކުރަން އެންގި ސިޓީއާ ގުޅިގެން އެކަން އެގޮތަށް ނުކުރުމަށް ސިޓީ ކައުންސިލަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކުންފުނިން އެދުނީ އެއްބަސްވުމުގައިވާ ގޮތުން ވެހިކަލް ހިދުމަތް ދިނުމަށްޓަކައި ކަނޑައަޅަންޖެހޭ ވެހިކަލް ދުއްވުމުގެ ރޫޓްތަކާއި ވެހިކަލް ހުއްޓިތައް ގާއިމުކޮށްނުދީ، ކައުންސިލުން އެއްބަސްވުން ބާތިލުކުރަން ކަނޑައަޅާފައި ވަނީ އެ އެއްބަސްވުުމުގެ މަގްސަދާއި ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެވެ.

ވިލިމާލޭގެ މަގުމަތިން ބަޔަކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިލިމާލޭގެ މަގުމަތިން ބަޔަކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ނައިންޓީ ނައިން ހޯލްޑިން" އިން އެދުނީ އެއްބަސްވުމުގައިވާ ގޮތަށް ހިދުމަތް ދެވޭނީ ކައުންސިލުން ވަކި ރޫޓެއްގެ ދަށުން ވެހިކަލް ހުއްޓިތަކެއް ހެދުމުން ކަމަށް ވިޔަސް އެކަން ނުކޮށް، ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް ނިމިފައިވާ ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށާއި އެއްބަސްވުމާ އެ ކުންފުނިން ހިލާފުނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެއްބަސްވުމުގައި އެގޮތަށް އޮތަސް އެ ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާތީ ޖޫން 5، 2018 ގައި އެ ކުންފުންޏާއެކު ވި އެއްބަސްވުމަށް އިހުތިރާމު ކުރަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ޓޫރިސްޓް ގެސްޓް ހައުސް ހަދައި، އެ ތަން އޮޕަރޭޓްކުރުމަށް އެ ކުންފުންޏާ އެކު ވެފައިވާ އެެއްބަސްވުން ވެސް މުއްދަތަށް ދެމެހެއްޓުމަށް ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް "ނައިންޓީ ނައިން ހޯލްޑިން" އެދުނެވެ.

އެހެންވެ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނީ ބަގީގެ ހިދުމަތް ހުއްޓިއްޖެ ނަމަ، އެ ކުންފުންޏާއި ހިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ވެސް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ބުނެ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާތައް ގެއްލި، އެއްބަސްވުމުގެ ދަށުން ލިބޭނެ މަންފާ "ނައިންޓީ ނައިން ހޯލްޑިން" ގެ އެއްވެސް އިހުމާލެއް ނެތި ގެއްލިގެން ދިއުމާއި އެ ވެހިކަލްތައް ބޭނުންނުކޮށް، ގްރައުންޑް ކުރަންޖެހިއްޖެ ނަމަ، ފަހުން ބޭނުންނުކުރެވޭ ހާލަތެއް ކުރިމަތިވެ، އެ މައްސަލަ ކާމިޔާބުވާ ހާލަތެއްގައި އިންވެސްޓްމަންޓް އަލުން ކުރަން ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.

ވިލިމާލޭގައި ބަގީއަކަށް އަރައިގެން ބަޔަކު ފެރީ ޓާމިނަލާ ދިމާލަށް ދަނީ. --- މިހާރު ފައިލް ފޮޓޯ

ވިލިމާލޭގައި ބަގީއަކަށް އަރައިގެން ބަޔަކު ފެރީ ޓާމިނަލާ ދިމާލަށް ދަނީ. --- މިހާރު ފައިލް ފޮޓޯ

އެ ކުންފުންޏާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ޖޫން 5، 2018 ގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ ބިމުގައި ގެސްޓް ހައުސްއެއް މިހާރު ވެސް ހަދާފައިވާތީ، އެއީ ދައުލަތާ އެކު ވަކިވަކިން ވެފައިވާ އެއްބަސްވުމެއް ކަމަށާއި އެ ތަން ހެދުމަށް 18 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެހެންވެ، އެއްވެސް އަސާސެއް ނެތި އެ ބިމުގައިވާ ތަކެއްޗަކީ މާލޭ ސިޓީ ކައުންސިލްގެ ތަކެތި ކަމަށް ބަލައިފި ނަމަ، އެ ތަނަށް ކުރި ހަރަދާއި ތަނުގެ މުވައްޒަފުންގެ ވަޒީފާތަކާއި ތަނުން ލިބޭ އާމްދަނީ އާއި އެ ތަނުގައި ހުރި މުދާތައް ގެއްލޭނެ ކަމަށް ވެސް "ނައިންޓީ ނައިން ހޯލްޑިން" އިން ބުނެ އެވެ.

ގެސްޓް ހައުސްއަކީ ކުރިއާލައި ބުކިން ހަދައިގެން ހިންގާ ތަނަކަށް ވާއިރު ޓޫރިސްޓުންނަށް ބަދަލުދޭންޖެހޭ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެ ކުންފުނި އެއްކޮށް ބަނގުރޫޓު ވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ވަގުތީ އަމުރު ނެރެނުދީފި ނަމަ، އެ ލިބޭ ގެއްލުންތަކަކީ އެ ކުންފުންޏަށް ލިބޭނެ އިއާދަނުކުރެވޭ ގެއްލުމެއް ކަމަށް ވެސް ފާހަގަކުރެ އެވެ.

އެ ސަބަބުތަކާ ހުރެ ގާޒީ ނިންމެވީ ވަގުތީ އަމުރެއް ނުނެރެދީފި ނަމަ ކައުންސިލަށް ލިބިދާނެ ގެއްލުމަށް ވުރެ އެ ކުންފުންޏަށް ވެދާނެ ގެއްލުން ބޮޑު ކަމަށެވެ. އެހެންވެ، ކައުންސިލުގެ މައްޗަށް ދައުވާކުރާ އެ މައްސަލާގައި ވަކި ގޮތެއް ކޯޓުން އަންގަންދެން ކައުންސިލުން ކުންފުންޏަށް މިދިޔަ މަހުގެ 25 ގައި ފޮނުވި ސިޓީއަށް އަމަލުކުރަން ފަސްކުރުމަށާއި އެ ސިޓީގައި ބަޔާންކުރާ އެއްވެސް ކަމެއް ތަންފީޒު ނުކުރުމަށް ކައުންސިލްގެ މައްޗަށް އަންގައި ކޯޓުން އަމުރުކުރި އެވެ.

ބަގީގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ އެއްބަސްވުން ބާތިލުކުރަން، ކައުންސިލްގެ އާންމު ޖަލްސާއެއްގައި ނިންމީ "ނައިންޓީ ނައިން ހޯލްޑިން" އާ ވިލިމާލެ އިން ދެ ބިން ހަވާލުކޮށް، އެ ތަނުގައި ޓިކެޓް ވިއްކާ ޓާމިނަލެއް ހެދުމުގެ އިތުރުން ވެހިކަލްތައް ޕާކުކުރުމަށް 1،077 އަކަފޫޓުގެ ބިމެއް ދިނަސް އެކަން ވެސް ކޮށްފައި ނުވާތީ އެވެ.

އެ ހިދުމަތް ދެމުން އަންނަ ގޮތާ ގުޅިގެން ކައުންސިލުން އެތައް ފަހަރަކު އެ ކުންފުންޏާ ބައްދަލުކޮށް، އެތައް ނޯޓިހެއް ދިން ނަމަވެސް ހިދުމަތް ރަނގަޅު ނުކުރާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ބަގީގެ އެއްބަސްވުން ބާތިލުކޮށް، ކައުންސިލުން ނިންމާފައި އޮތީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށެވެ.