Roadha Mihaaru
މަސްވެރިކަމަށް ހާއްސަ ކްލަބެއް އިހަވަންދޫ ސްކޫލުގައި އުފައްދައިފި

މަސްވެރިކަމަށް ހާއްސަ ކްލަބެއް އިހަވަންދޫ ސްކޫލުގައި އުފައްދައިފި

02 އޮކްޓޯބަރ 2022

ހއ. އިހަވަންދޫ ސްކޫލުގެ ކުދިން މަސްވެރިކަމަށް ޝައުގުވެރި ކުރުވަން ހާއްސަ ކްލަބެއް އެ ސްކޫލުގައި އުފައްދައިފި އެވެ. މިއީ މަސްވެރިކަމާ ގުޅޭގޮތުން ސްކޫލެއްގައި އުފެއްދި ފުރަތަމަ ކްލަބެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. އިހަވަންދޫ ސްކޫލުގެ ކުދިން މަސްވެރިކަމަށް ޝައުގުވެރި ކުރުވަން ހާއްސަ ކްލަބެއް އެ ސްކޫލުގައި އުފައްދައިފި އެވެ. މިއީ މަސްވެރިކަމާ ގުޅޭގޮތުން ސްކޫލެއްގައި އުފެއްދި ފުރަތަމަ ކްލަބެވެ.

އެ ސްކޫލުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި "ޔަންގް ފިޝާސް ކްލަބް" އިފުތިތާހު ކޮށްދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބްދުއްސަމަދު "މިހާރު" އަށް ވިދާޅުވީ، މަސްވެރިކަމަށް ހާއްސަ ކްލަބެއް އުފެއްދުމާއި އެ ކަމަށް އެހީތެރިކަން ދިނުމަށް މަސްވެރިންގެ ޖަމިއްޔާ އިން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

އެ ފަރާތުގެ ހުށަހެޅުން ބެލުމުން އޭގައި ކުދިންނަށް ބޭނުންތެރި އަދި ގައުމީ މަންހަޖުގައި ބުނާ ކަންކަން ހާސިލު ކުރެވޭނެތީ އެ ކްލަބު އުފައްދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަންގް ފިޝާސް ކްލަބްގެ ހަރަކާތްތައް ގެންދާނީ މަސްވެރިންގެ ޖަމިއްޔާގެ އެހީތެރިކަމާއެކުގަ އެވެ.

އިހަވަންދޫ ސްކޫލުގައި ޔަންގް ފިޝާސް ކްލަބު ލޯންޗުކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، އެ ކްލަބްގެ އަންހެން ދަރިވަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިހަވަންދޫ ސްކޫލު

"ހަމައެކަނި ދޮށިއަޅައިގެން މަސްވެރިކަން ކުރުމެއް ނޫން މި ހިމެނެނީ. މަސްވެރިކަމަށް ނުކުންނަ ޒުވާނުންނަށް ޖީޕީއެސް ބޭނުންކުރާނެ ގޮތްތަކާއި މޫސުން ބަލާނެ ގޮތާއި މޫސުން ލަފާކުރާނެ ގޮތް ވެސް ކިޔައިދޭނެ،" ސަމަދު ވިދާޅުވި އެވެ.

އެ ކްލަބުގައި އުޅެނީ ގްރޭޑު 6،7 އަދި 8 ގެ ކުދިންނެވެ. މަސް ބޭނުމުގައި އަމަލީގޮތުން ފިރިހެނުން އުޅުނަސް އެ ކްލަބުގައި އަންހެން ދަރިވަރުން ބައިވެރިވާކަން އިހަވަންދޫ ސްކޫލުން ފާހަގަކުރެ އެވެ.

ސަމަދު ވިދާޅުވީ މަސްވެރިކަމުގައި ރާއްޖެއިން ވެސް ފާހަގަކުރެވޭ އިހަވަންދޫގެ ދޯނިތަކުން މަސްބާނައިގެން ރަށަށް ދިއުމުން އެ ކެއްކުމުން ފެށިގެން ދެން ހުރި އެހެން ކަންކަމުގައި އެންމެ އިސް ސަފުގައި ބައިވެރިވަނީ އަންހެނުން ކަމަށެވެ.

އެހެންވެ، މިއީ މުހިއްމު މަސައްކަތަކަށް ވާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭ އިހަވަންދޫ ސްކޫލުގައި 850 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ.