Roadha Mihaaru
އަޒްހާންގެ ހަށިގަނޑު ފެނުނު ހިސާބުން ކުނިވަސް ދުވި

އަޒްހާންގެ ހަށިގަނޑު ފެނުނު ހިސާބުން ކުނިވަސް ދުވާތާ އެތައް ދުވަހެއް

02 އޮކްޓޯބަރ 2022

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު މިއަދު ހަވީރު ފެނުނީ ހުޅުމާލޭން ބްރިޖަށް ދާ މަގުގެ އެއްފަރާތުގައި އޮންނަ ބޯ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވަ އެވެ. މި ދުވަސްވަރު ވައި ހުރި ގޮތުން ވައިރޯޅި އަންނަނީ ވެސް އެ ދިމާލުންނެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު މިއަދު ހަވީރު ފެނުނީ ހުޅުމާލޭން ބްރިޖަށް ދާ މަގުގެ އެއްފަރާތުގައި އޮންނަ ބޯ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވަ އެވެ. މި ދުވަސްވަރު ވައި ހުރި ގޮތުން ވައިރޯޅި އަންނަނީ ވެސް އެ ދިމާލުންނެވެ.

ބައެއް މީހުން ބުނި ގޮތުގައި އެ ހިސާބުން ކުނި ވަސް ދުވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އެ ހިސާބުގައި ހުންނަ ޖަންކްޝަނަކުންނާއި މަސްކައްކާ ތަންތަނުން އަންނަ ވަހާ ހެދި މާބޮޑު ސަމާލުކަމެއް ނުދެވި އޮތީ ކަމަށް ވެދާނެ އެވެ. އެކަމަކު އަޒްހާން އެންމެ ފަހުން ފެނުނީ އެތާ ކައިރީ އޮންނަ ރެޑްބުލް ދަނޑު ކައިރިން ކަމަށް ފުލުހުން ބުނެފައި ވާތީ ބައެއް މީހުން މި ވާހަކަ ދައްކާފައިވެ އެވެ.

އަޒްހާންގެ ހަށިގަނޑު ފެނުމުން، އެތާ ކައިރީގައި ފުލުހުން ބޭއްވި މީޑިއާ ބްރީފިންގައި މި ވަހުގެ ވާހަކައިން ނޫސްވެރިން ސުވާލުކުރުމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ އެ ތަން ހޯދީ ކުނިވަސް ދުވާތީ ނޫން ކަމަށާއި އެފަދަ ރިޕޯޓެއް ވެސް ލިބިފައި ނެތް ކަމަށެވެ.

ހަސަން ވިދާޅުވީ އެ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ފެންނާނެ ކަމަށް ބެލެވޭ ވަކި ހިސާބެއްގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިނުވާ ކަމަށެވެ.

"ސީސީޓީވީން އަޅުގަނޑުމެންނަށް ފެންނަނީ މީހާ މިއަށްވުރެ ތަންކޮޅެއް ދުރުގައި އުޅޭތަން. މިހާރު އަޅުގަނޑުމެންނަށް މި ހިސާބަށް އަންނަން ޖެހުނީ ލިބުނު އިތުރު މައުލޫމާތުތަކަކާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި، ފަރުބަދައެއްހެން އުސްކޮށް އޮންނަ ދިމާލަށް ވަދެގަން ބަލަން ފެށީ ލިބުނު ސީސީޓީވީ ކެމެރާ ފުޓޭޖުތަކަކުން އަޒްހާން އެ ދިމާލުން ފެނިގެންނެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު އަޒްހާން --

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު އަޒްހާން --

"އައިޑެންޓިފައި ވީ އަޅުގަނޑުމެންނަށް ލިބުނު ސީސީޓީވީ ކެމެރާ ފުޓޭޖްތަކަކުން މި ހިސާބުން ގެއްލިފައި، ފެންނަން ޖެހޭ އެހެން ހިސާބަކުން ނުފެނުނީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިއީ ސާޗްކުރަން ވަރަށް ރަނގަޅު ހިސާބެއް ގޮތުގައި،" ހަސަން ވިދާޅުވި އެވެ.

އަޒްހާން ގެސްޓް ހައުސްއެއްގައި ހުރެފައި އޭނާ އުޅޭ ހިޔާ ފްލެޓަށް ޓެކްސީއެއްގައި ގޮސް އަނެއްކާ ހަމަ އެރޭ ފަތިހު ޓެކްސީއެއްގައި ގޮސް ފޭބި ކަމަށް ބުނާ ރެޑް ބުލް ދަނޑާ ދުރު ނޫން ހިސާބަކުން ހަށިގަނޑު ފެނުނި އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އެނގިފައިވާ ގޮތުގައި ހަށިގަނޑުގައި ޒަހަމެއް ހުރިކަން ފާހަގައެއް ނުވެ އެވެ. ހަށިގަނޑު ކުނިވެފައި އޮތުމުން އެކަން އަދި ޔަގީނެއް ވެސް ނުވެ އެވެ.

އޭނާ މަރުވެފައި އޮތީ އުއްޑުން ކަހަލަ ގޮތަކަށް ކަމަށް އެނގިފައިވެ އެވެ.

އެންމެ ފަހުން ވެސް ފެންނަނީ އެކަނި އުޅޭތީ

އަޒްހާން އެންމެ ފަހުން ފެނުނީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރެޑްބުލް ދަނޑު ކައިރިންނެވެ. އެނގިފައިވާ ގޮތުގައި ފުލުހުންނަށް ލިބިފައިވާ ފުޓޭޖްތަކުން ފެންނަނީ އަޒްހާން އެކަނި އުޅޭ ތަނެވެ. ހުޅުމާލޭ ސަހަރާ އާއި ނިރޮޅުމަގާ ދެމެދު އޮންނަ ބޯ ގަސްތަކުގެތެރެ މިއަދު ހެނދުނުން ފެށިގެން ބަލަން ފެށީ ލިބުނު ފުޓޭޖުތަކަށް ބަލާއިރު އެ ހިސާބުން ފެނިފައި ދެން އެހެން ތަނަކުން އަޒްހާން ނުފެންނާތީ، އެއީ އޭނާ ގޮސް ވަދެފައި ވެދާނެ ދިމާލެއް ކަމަށް ބަލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަޒްހާންގެ ފޯނެއް އަދި ނުފެނެ ނުވެ އެވެ. ފުލުހުން ބުނީ ހަށިގަނޑު ފެނުނު ސީން އަދި ޕްރޮސެސްކޮށް ނުނިމޭތީ، ހާދިސާ ހިނގި ގޮތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.

އަޒްހާންގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު (ވ) މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު (ވ) މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަޒްހާންގެ މަރުގައި ތުހުމަތު ކުރެވޭ އެކަކު ވެސް އަދި ނެތެވެ. އަދި ތުހުމަތުކުރެވޭ ފަދަ ކަމެއް ވެސް ނެތެވެ. ފުލުހުން ބުނީ އެއްޗެއް ބުނަން އެނގޭނީ ހޯމިސައިޑް އިންވެސްޓިގޭޝަނަށް ފަހުގައި ކަމަށެވެ.

އެންމެ ފަހުން ވާހަކަ ދެއްކީ ލޯބިވެރިޔާއާ

މީގެ ހަފްތާއެއް ކުރިން އަޒްހާންގެ ދައްތަ، ފާތިމަތު އަޒްމީ އަހްމަދު "މިހާރު" އަށް ބުނީ އަޒްހާން އެންމެ ފަހުން ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާއާ ކަމަށެެވެ. އާދީއްތަ ދުވަހު ހެނދުނު އޭނާގެ ލޯބިވެރިޔާއާ މެސެޖުން ވާހަކަ ދެއްކި ކަމަށާއި އެ ދުވަހު ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ނުފެންނަ ކަމަށް އަޒްމީ އެ ދުވަހު ކިޔައިދިނެވެ.

"ގާލްފްރެންޑަށް މެެސެޖު ކުރީ ސަންޑޭ މޯނިންގައި، އިޓްސް ދި ލާސްޓް ކޮންޓެކްޓް،" އަޒްމީ ބުންޏެވެ.

އަޒްހާނަށް އެއްވެސް ބަޔަކު ގެއްލުމެއް ދޭންޖެހޭ ސަބަބެއް އޮންނާނެ ކަމަކަށް އާއިލާއަކަށް ވެސް ނުފެނެ އެވެ. ސަބަބަކީ އޭނާއަކީ އެންމެންނާ ވެސް ގުޅޭ މިޒާޖެއްގެ މިހަކަށް ވުމެވެ. އަދި ގެއިން ނުކުމެގެން ދިޔައިރު ވެސް އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި އެއްވެސް މީހަކާ ރުޅިވެރިކަމެއް ވެސް ނެތް ކަމަށް އަޒްހާންގެ ދައްތަ ކިޔައިދިނެވެ.

އަޒްހާން ކުރިން ވަޒީފާ އަދާކުރި މެރާކީގައި އޭނާ މަސައްކަތުގައި.

އަޒްހާން ކުރިން ވަޒީފާ އަދާކުރި މެރާކީގައި އޭނާ މަސައްކަތުގައި.

"އަޒްހާނަކީ އެއްވެސް މީހަކާ ރުޅި ހަދައިލައިގެން އުޅޭ މީހެއް ނޫން. އެއްވެސް މީހަކާ ވާހަކަ ނުދައްކާ ނުހުންނާނެ. އަބަދުވެސް ހިނިތުންވެފައި ހުންނާނީ،" އަޒްމީ ބުންޏެވެ.

މަޝްހޫރު ކޮފީ ޝޮޕް މެރާކީގައި ކުރިން ވަޒީފާ އަދާކުރި އަޒްހާން ގެއްލުނު އިރު ވަޒީފާއެއް އަދައެއް ނުކުރެ އެވެ.